ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އޭނާގެ އާއިލާއާއެކު އަނެއްކާވެސް އަގުބޮޑު ޗުއްޓީއެއް ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ސުޕަ-ސްޓާ ދެމަފިރިން ކަމަށްވާ ބެކަމްއާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް އެ ދެމަފިރިންގެ ހަތަރު ދަރިން ކަމަށްވާ ބްރުކްލީން، ރޯމިއޯ، ކްރުޒް އަދި ހާޕާ ބެކަމްއާ އެކު އާއަހަރުގެ ޗުއްޓީ ހެދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތި ރަށުގަ އެވެ.

ބެކަމްގެ ދެމަފިރިންނާއި ހަތަރު ދަރިން ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅުގައި ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.މީގެކުރިން ބެކަމް ރީތިރަށް ރިސޯޓުގައި 11 ދުވަހުގެ ޗުއްޓީއެއް ހޭކުރި އިރު ބެކަމްގެ އެ ދަތުރަށް ގާތްގަނޑަކަށް 250000 ޕައުންޑު [6.3 މިލިޔަން ރުފިޔާ] ހަރަދުކޮށްފައި ވާކަމަށް ވެއެވެ.

އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްފެ އިތުރުން ބެޔާން މިޔުނިކް އަދި ނެދަލެންޑްސްގެ ވިންގާ އާޔެން ރޮބެން ވެސް މިވަގުތު ޗުއްޓީ ހެދަކުރަމުން އަންނަނީ ރާއްޖޭގަ އެވެ.

މި ދުވަސްވަރު ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އޭގެ ތެރޭގައި ފަހަގަ ކޮސްލެވޭ ބައެއް މީހުންނަކީ ބޮލީވުޑްގެ ބަތަލާ ދީޕިކާ އާއި އިޓަލީ ގައުމީ ފުޓްބޯޅާ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަންދްރޭ ޕޮލީ އާއި އިނގިރޭސި ޕޮޕް ސްޓާ ޕިކްސީ ލޮޓް ހިމެނެއެވެ.