ހުޅުމާލޭގެ ފަސް ރޯހައުސްއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަށް ވަގުތީ ގޮތުން އެހެން ފްލެޓުތަކަށް ބަދަލުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ފަސް އާއިލާ އަކާއި އަދި އެހެނިހެން ގޮތް ގޮތުން ހަ އާއިލާއެއް ހާލުގައި ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ފަރާތްތައް ވެސް ވަގުތީ ގޮތުން އެހެން ޕްލެޓްތަކަށް ރޭގެ ވަގުތެއްގައި ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެށިފަހި މާލެ ޕްރޮޖެކްޓުގެ ދަށުން ހަވާލު ނުކުރެވި ހުރި ފްލެޓުތަކަށް ވަގުތީ ގޮތުން އެ ފަރާތްތައް ވަނީ ބަދަލުކޮށްފައި،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލައި، އެތަންތަން މަރާމާތު ކުރުމަށް ބަޔާކާ އެކު އެގްރީމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތިން ބުރިއަށް ނަގާފައި ހުންނަ އެ ރޯހައުސްތަކުގައި އަލިފާން ރޯވެފައި ވަނީ އިއްޔެ 11:30 ހާއިރު އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އިއްޔެ 2:00 ހާއިރު ވަނީ އަލިފާންގަނޑު މުޅިން ނިއްވާލެވިފަ އެވެ. ނިއްވާލި އިރު އެންމެ މަތީ ދެ ބުރީގެ ފުރާޅާއި ސީލިންގް އެއްކޮށް ވަނީ އަނދައި ހުލިވެފަ އެވެ.

ރޯހައުސްތަކުގައި އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އެތަނުގައި ދިރިއުޅުނު މީހުން ވަނީ ބުނެފަ އެވެ.