ޓެކްސް ދައްކަންޖެހޭކަން އެނގިހުރެ ގަސްދުގައި އެކަމުން އެއްކިބާވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޚާއްސަ ކެންޕެއިނެއް ފަށައިފި އެވެ.

"ކަށިގަނޑު ފުމެލުން" މިނަމުގައި ފަށާފައިވާ ކެމްޕޭންގައި އެ އޮތޯޓީގެ ވެބްސައިޓުގައިވާ ފޯމް ހުރިހަމަ ކުރުމަށް ފަހު އެފަދަ ފަރާތްތަކުގެ މައުލޫމާތު ރިޕޯޓު ކުރެވޭނެ ކަމަށް ވެސް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ ގަސްދުގައި ޓެކްސް ނުދައްކާ މީހުންގެ އިތުރުން އެފަދަ މީހުންނަށް އެހީތެރިވާ ފަރާތްތަކުގެ މައުލޫމާތު އެނގޭ ފަރާތެއްވާ ނަމަ އެ އޮތޯރިޓީ އަށް ރިޕޯޓު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމެނުމާއި އެއްވެސް އާމްދަނީއެއް ނުވަތަ ފައިދާއެއް ޓެކްސް ބަޔާނުގައި ނުހިމަނައި ދޫކޮށްލުމާއި ގަވާއިދުތަކާ އެއްގޮތަށް މީރާ އަށް ހިސާބުތައް ނުދެއްކުން ފަދަ އަމަލުތަކަކީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރެވޭ ކުށެއް ކަމަށެވެ.

ޓެކްސް ދެއްކުމުގައި މަކަރުހަދާ މީހުންގެ މައުލޫމާތު މީރާއާ ހިއްސާކުރާ ފަރާތެއްގެ މައުލޫމާތު މީރާ އަށް ދޭން ނުޖެހޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.