28 Dec 2013, 11:31
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށްޓަކައި "ނޮން- ޕްރޮފެޝަނަލް" ކެޓަގަރީގެ މަގާމުތަކަށް އަލަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން ދެ މަސް ދުވަހަށް މެދުކަނޑާލަން ނިންމައިފި އެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން ފެބްރުއަރީ 28، 2014ގެ ނިޔަލަށް "ނޮން- ޕްރޮފެޝަނަލް" ކެޓަގަރީގެ މަގާމުތަކަށް އަލަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
"މިކަން މިގޮތަށް ހަމަޖެއްސި ނަމަވެސް، ނޮން ޕްރޮފެޝަނަލް ކެޓަގަރީގެ މަގާމުތަކަށް އަލަށް ބިދޭސީން ގެނައުމަށް އެމްޕްލޯއީމަންޓް އެޕްރޫވަލް ހޯދުމަށް އެދި އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް މިމަހުގެ 31ގެ ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކޮށް، ނޮން ޕްރޮފެޝަނަލް ކެޓެގަރީގެ މަގާމުތަކަށް ބިދޭސީން އެންމެ ބޮޑަށް ބޭނުންވާ ޓޫރިޒަމް ދާއިރާ، ސިއްހީ ދާއިރާ އަދި ދަޢުލަތުގެ ޕްރޮޖެކްޓުތަކުގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތަކަށް ހަމަޖެހިފައިވާ އުސޫލުގެމަތީން އެމްޕްލޮއީމަންޓް އެޕްރޫވަލް ދޫކުރާނެ،" އެ ޑިޕާޓްމަންޓުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތު މީހުންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އާއްމުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.