އިސްލާމް އާބާދު (ޑިސެމްބަރު 28) ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ އިންޓަނޭޝަނަލް އެއަޕޯޓުން ފުރަން އުޅުނު އެމެރިކާ ސިފައިންގެ މީހަކު ހިފަހައްޓައި އޭނާގެ އަތުން ހަތިޔާރުތަކެއް އަތުލައިގެންފިކަން ޕާކިސްތާނުން ހާމަކޮށްފި އެވެ.

ޕާކިސްތާނުގެ ފުލުހުންނާ ޙަވަލާދީ އެ ގައުމުގެ ޖިޔޯ ޓީވީ ނެޓްވާކުން ބުނީ އިސްލާމް އާބާދުގެ ބޭނަޒީރު އިންޓަނޭޝަނަލް އެއަޕޯޓުން ފަސިންޖަރެއްގެ ގޮތުގައި ރޭ ފުރަންއުޅުނު އެމެރިކާގެ ސިފައިން މީހެއްގެ އަތްދަބަހުން ފިސްތޯލައަކާއި އެތައް އުންޑަތަކެއް ފެނުމާ އެކު އެއަޕޯޓްގެ ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފައިވާ ކަމުގަ އެވެ. އަދި އެތަކެތި އެމީހާގެ އަތުން އަތުލާފައިވާ ކަމަށާއި އެކަން ބަލައި ތަހްގީގު ކުރަމުން ގެންދާކަމަށް ވެސް ޕާކިސްތާން ފުލުހުން ބުނެ އެވެ.
އެމެރިކާގެ ސިފައިންގެ މީހާ ފުރަންއުޅުނީ ޔޫރަޕްގެ އެއަލައިން އަކަށް ނިސްބަތްވާ ފްލައިޓަކުން ކަމަށް ޚަބަރުލިބެ އެވެ. ނަމަވެސް އެ އެއާލައިންގެ ނަމާއި އެމެރިކާ ސިފައިންގެ މީހާގެ ނަން ޕާކިސްތާން ފުލުހުން ހާމަކޮށްފައެއްނުވެ އެވެ. އަދި ސުވާލު ކުރުމަށް ފަހު އެމެރިކާގެ ސިފައިންގެ މީހާ އަށް ފުރުމުގެ ހުއްދަ ދިންކަން ނުވަތަ ނޫންކަން ވެސް އެނގިފައެއް ނުވެ އެވެ.

އެމެރިކާ ސިފައިންގެ މީހާ ހަތިޔާރާ އެކު ފްލައިޓަށް އަރަން މަސައްކަތްކުރީ ޓެރަރިޒަމްގެ އަމަލެއް ނޫނީ ވައިފޭރުމުގެ އަމަލެއް ހިންގުމުގެ މަގްސަދްގައިކަން އެނގިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ޔުނައިޓެޑް ޕްރެސް)