އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުން މެރުމަށް އިސްރާއީލު ހިންގާކަމަށްބެލެވޭ ހަރުކަށި ޢަމަލުތަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ދީފާނެ ޙަމަލާއަކަށް ސަމާލުވެ ތިބުމަށް އިސްރާއީލުގެ ޑިޕްލޮމެޓިކް މިޝަންތަކަށާއި އެންބަސީތަކަށް އެޤައުމުގެ އަމްނާބެހޭ އިދާރާތަކުން ގޮވާލައިފި އެވެ. އިސްރާއީލުގެ ޔަދިޔޯތު އަހްރަނޯތު ނޫސް ބުނިގޮތުގައި އީރާނާއި އީރާނަށް ތާއީދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ހިންގަފާނެ ބަދަލުހިފުމުގެ ޢަމަލަކަށް ތައްޔާރުވެ ތިބުމަށް ބޭރުގައިވާ އިސްރާއީލުގެ ޑިޕްލޮމެޓިކް މިޝަންތަކަށާއި އެތަންތަނުގައި ވަޒީފާއަދާކުރާ އިސްރާއީލުގެ ޑިޕްލޮމޭޓުންނަށް އިސްރާއީލުގެ އަމްނާބެހޭ އިދާރާތަކުން އިއްޔެވަނީ ލިޔުމަކުން އަންގާފައި ކަމުގަ އެވެ.


މިދިޔަ ނޮވެމްބަރމަހުގެ 29 ވަނަ ދުވަހު އީރާނުގައި ހިންގި ޓެރަރިސްޓް ޙަމަލާއެއްގައި އެޤައުމުގެ ނިއުކްލިޔަރ ސައެންޓިސްޓެއްކަމަށްވާ މާޖިދް ޝަހްރިޔާރީ ވަނީ އަވަހާރަކޮށްލާފަ އެވެ. އެއަށްފަހު ތެހެރާންގައި ދިން ޓެރަރިސްޓް އެހެން ހަމަލާއެއްގައި އީރާނުގެ ނިއުކްލިޔަރ އެހެން ސައެންޓިސްޓެއްކަމަށްވާ ފަރީދޫން ޢައްބާސީ ވެސްވަނީ ވަރަށްބޮޑަށް ޒަޚަމްކޮށްލާފަ އެވެ. މި ދެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވަނީ އިސްރާއީލުކަމަށް އީރާނުން ތުހުމަތު ކުރެ އެވެ. އީރާނުގެ އަމްނާބެހޭ ދާއިރާއިންވަނީ މިދެ ޓެރަރިސްޓް ޙަމަލާގެ ފަހަތުގައި އިސްރާއީލު ވާކަމަށް ޝައްކުކުރެވޭފަދަ ހެކިތައް ފެނިފައިވާކަމަށް ބުނެފައެވެ. އީރާނުގެ މިތުހުމަތުތަކަށް އިސްރާއީލުން އިންކާރުކުރެ އެވެ. އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ ކޮމާންޑަރަކުވަނީ އިސްރާއީލު ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ މި ޙަމަލާތަކަށް އިސްރާއީލުގެ ކިބައިން ވޭންދެނިވޮގޮތަކަށް ބަދަލުހިފަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.


ހިޒްބުﷲ އިންވަނީ އެޖަމާޢަތުގެ ޢަސްކަރީ ކޮމާންޑަރެއް ކަމަށްވާ ޢިމާދު މުޣްނިޔަރ 2007 ވަނަ އަހަރު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި އަވަހާރަކޮށްލުމަށް ހިންގި ޓެރަރިސްޓް ޙަމަލާގެ ފަހަތުގައިވެސްވަނީ އިސްރާއީލު ކަމަށް ތުހުމަތުކޮށްފަ އެވެ. އިސްރާއީލުން މިތުހުމަތު ތަކަށް އިންކާރެއް ނުކުރެ އެވެ. އަދި މުޣްނިޔާ އަވަހާރަކޮށްލުމަށް ދިން ޙަމަލާއަކީ އިސްރާއީލުގެ ޙަމަލާއެއް ކަން ދޭހަވަގޮތަށް އެޤައުމުގެ ބައެއް މަސްއޫލުވެރިން ވާހަކަވެސް ދައްކަވާފައި ވެ އެވެ. މުޣްނިޔާ އަވަހާރަކޮށްލާފައި ވަނީ އޭނާގެ ކާރު ގޮއްވާލައިގެންނެވެ.