ލ. މުންޑޫ ބަނދަރު ސަރަހައްދަށް ވެއްޓިފައި އޮތްވައި ފެނުނު ދެ ޒުވާނުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ރަށު ބަނދަރު ސަރަހައްދަށް ދެ ކުއްޖަކު ވެއްޓިފައި އޮއްވައި ރޭ އިރާކޮޅު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އުމުރުން 19 އަހަރުގެ ކުއްޖާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިފައިވާ ކަމަށެވެ. އަދި 17 އަހަރުގެ ކުއްޖާ އަށް މިހާރު ވެސް އަންނަނީ ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް އެކުދިންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މުންޑޫ ކައުންސިލްގެ ރައީސް އިބްރާހިމް ނައީމް މިއަދު ވިދާޅުވީ މަރުވި ކުއްޖާއަކީ މުންޑޫން ފުނަދުއަށް ހިޖުރަކުރި އާއިލާއެއްގެ ކުއްޖެއް ކަމަށެވެ. އަދި އަނެއް ކުއްޖާއަކީ މުންޑޫން ގަމަށް ހިޖުރަ ކުރި އާއިލާއެއްގެ ކުއްޖެއް ކަމަށެވެ. އަދި އެ ދެ ޒުވާނުން އިއްޔެ މުންޑޫ އަށް ދިޔައީ އެ ކުދިންގެ މަންމަމެންނާ އެކު ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެ ދެ މީހުން ބަނދަރު ސަރަހައްދަށް ގެންދިޔައީ އެކުދިންގެ މަންމަމެންނަށް އެދެކުދިން އެރަށު މީހުން ނޫޅޭ ސަރަހައްދުގައި ހޭނެތިފައި ތިބި ކަމަށް މައުލޫމާތު ލިބިގެން ގޮސް ބަޔެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އަދި އެންމެ ފުރަތަމަ އެދެކުދިން ގެންދިޔައީ އެ އަތޮޅު މާބާއިދޫ ހޮސްޕިޓަލަށް ކަމަށާއި ހޮސްޕިޓަލުން އެ ކުދިންގެ ހާލު ސީރިއަސް ކަމަށް ބުނެ އިތުރު ފަރުވާ އަށް ނަރުހަކާ އެކު ގަމު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލީ ކަމަށް ވެސް ކައުންސިލަރު ނައީމް ވިދާޅުވި އެވެ.

ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ގަމަށް އެއްކުއްޖަކު ގެންގޮސް އަނެއް ކުއްޖާ ގެންދިޔައީ ފުނަދުއަށް ކަމަށާއި އަދި ފުނަދޫ ހޮސްޕިޓަލަށް 19 އަހަރުގެ ކުއްޖާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި 17 އަހަރުގެ ކުއްޖާއަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އެމީހާ ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހާ އަދި ބުނީ އެ ޒުވާނާ މަރުވީ އެމީހުން އަމިއްލައަށް ތައްޔާރުކުރި ބަނގުރާ ކަހަލަ އެއްޗެއް ބޭނުން ކުރުމުގެ ސަބަބުން ކަމަށެވެ.