28 Dec 2013, 09:49
އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، އިންޑިޔާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު އޮންނާނީ އަންނަ މަހުގެ 1 އިން 4 އަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ރައީސް ޝްރީ ޕްރަނާބް މުކަރުޖީގެ އަރިހަށާއި، އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި، ރާއްޖެ އާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހި ރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި އިންޑިޔާގެ ރައީސް ބާއްވަވާ ރަސްމީ ޖާފަތެއް ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަޙްމަދު ސިޔާމް މުޙަންމަދު، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، މިނިސްޓަރު އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފާއި މިނިސްޓަރު އޮފް ހެލްތު އެންޑް ޖެންޑާ ޑރ. މަރްޔަމް ޝަކީލާ އާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި މިނިސްޓަރު އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރު އޮފް ސްޓޭޓް ފޮ ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު ޣައްސާން މައުމޫނާއި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙަންމަދު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.