ބައިރޫތު (ޑިސެމްބަރު 28): ލުބްނާނުގެ ވެރިރަށް ބައިރޫތުގައި އިއްޔެ ގޮއްވާލި ކާރުބޮމުގެ ހާދިސާގައި އެގައުމުގެ އިސް ސިޔާސީ ބޭފުޅެއް ކަމަށްވާ މުހައްމަދު ޝަތްހު އަވަހާރަވެފައި ވާތީ މިއީ އޭނާ އަވަހާރަކޮށްލުމަށް ދުރާލައި ރާވައިގެން ބަޔަކު ހިންގި ޖަރީމާއެއް ކަމަށް އޭނާ ނިސްބަތްވާ "މުސްތަޤްބަލް" ޕާޓީން ތުހުމަތުކޮށްފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މިއީ މުހައްމަދު ޝަތްހު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއެއް ކަމަށާ މިއީ ލުބްނާނުގެ އެހެން ސިޔާސީ ލީޑަރުންނަށް ވެސް ދިން މަރުގެ މެސެޖެއް ކަމުގަ އެވެ. ލުބްނާނުގެ ވެރިރަށް ބައިރޫތުގެ މެދުތެރޭގައ އިއްޔެ ގޮއްވާލި ކާރުބޮމުގެ ހާދިސާގައި މުޙައްމަދު ޝަތްހުގެ އިތުރުން ފަސް މީހަކު މަރުވެ 70 މީހުން ޒަޚަމްވި ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ. ލުބްނާނުގެ ރައީސް މިޝައިލް ސުލައިމާން ވަނީ މިޖަރީމާ ކުށްވެރިކުރައްވާފަ އެވެ.

މުހައްމަދު ޝަތްހަކީ ލުބްނާނުގެ "މުސްތަޤްބަލް" ޕާޓީގެ ޒަޢީމް ސަޢްދުލްހަރީރީގެ އިސް މުސްތަޝާރެވެ. އަދި އޭނާއަކީ ލުބްނާނުގެ ކުރީގެ މާލީވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އދ.ގެ މަތީމަގާމުތަކެއް ވެސް އޭނާ ފުރުއްވާފައިވެ އެވެ. މުހައްމަދު ޝަތްހަކީ 2005 އިން ފެށިގެން އެ ގައުމުގެ ސިޔާސީ ދާއިރާ އަށް ނިސްބަތްވާ ސުންނީ ލީޑަރުންގެ ތެރެއިން މިގޮތަށް އަވަހާރަކޮށްލެވުނު 14 ވަނަ ޝަޚްސިއްޔަތެވެ. މީގެ އިތުރުން ޝިޔައީ ލީޑަރުންނާއި ނަސާރާ ލީޑަރުން ވެސް ލުބްނާނުގައި ވަނީ މިފަދަ ޙާދިސާތަކުގައި އަވަހާރަކޮށްލާފަ އެވެ.

މުހައްމަދު ޝަތްހު އަވަހާރަކޮށްލި ޙާދިސާ އަރަބި ބައެއް ގައުމުތަކާއި އެމެރިކާ އާއި އދ. ން ވެސްވަނީ ކުށްވެރިކޮށްފަ އެވެ. މިޖަރީމާ ހިންގާފައި މިވަނީ އަވަށްޓެރި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ލުބްނާނުގެ މަސްރަޙު ވަރަށްބޮޑަށް ގޯސްވަމުންދާ ދުވަސްވަރެއްގަ އެވެ. ބައިރޫތުގެ ދެކުނުގައި ހުންނަ އީރާން އެންބަސީއާއި ލުބްނާނުގެ ޝިޔަޢީ ޕާޓީއެއް ކަމަށްވާ ހިޒްބުﷲ އަށް އަމާޒުކޮށް މިދިޔަ މަހު ހިންގި ކާރުބޮމުގެ މިފަދަ ޙަމަލާއެއްގައި އީރާނުގެ އެންބަސީގައި މަސައްކަތްކުރާ ބައެއް ޑިޕްލޮމޭޓުންނާއި ހިޒްބުﷲގެ ޢަސްކަރީ ލީޑަރެއް ކަމަށްވާ ހައްސާން އައްލަގީސް ވަނީ އަވަރާކޮށްލާފަ އެވެ. (އަލްޖަޒީރާ)