27 Dec 2013, 21:48
އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުހެމްޓަން އަތުން އަމިއްލަ ދަނޑުގައި 3-0 އިން ކާޑިފް ސިޓީ ބަލިވިތާ އެއް ދުވަސް ފަހުން އެޓީމުގެ ކޯޗު މޯކީ މެކެއި މަގާމުން މިއަދު ވަކިކޮށްފި އެވެ.
މި ސީޒަންގައި އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ކާޑިފް ސިޓީގެ ވެރިޔާ މެލޭޝިއާގެ ބިލިޔަނަރެއް ކަމަށްވާ ވިންސެންޓް ތަން ވިދާޅުވީ މެކެއި އެމަގާމުން ވަކިކުރަން ޖެހުމަކީ ދެރަވާ ކަމެއް ކަމަށާއި އެހެން ނަމަވެސް ކްލަބުގެ ބޯޑު ބައްދަލުވުމަކަށް ފަހު އެގޮތަށް ނިންމަން ޖެހުނީ ކްލަބާއި ސަޕޯޓަރުންނަށް ވެސް އެންމެ ރަގަޅު ގޮތަކީ އެއީ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
މެކެއި ކޯޗު ކަމުގެ މަގާމުން ވަކިކުރުމުގެ ކުރިން ކްލަބުގެ ވެރިޔާ ވަނީ އޭނާއަށް އެ މަގާމުން އަމިއްލައަށް ވަކިވުމަށް އެދިފަ އެވެ. އެ ނޫންނަމަ ކޯޗުކަމުގެ މަގާމުން ވަކިކުރާނޭ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ކާޑިފްގެ ސަޕޯޓަރުން މެކެއި އަށް ތާއީދުކޮށް އަދި ވިންސެންޓް ތަންއާ ދެކޮޅަށް އަޑުއުފުލާފައިވާއިރު އޭނާ ވަނީ، ކާޑިފް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމާއި ގުޅިގެން ކްލަބު ވަރުގަދަކުރުމަށް 35 މިލިއަން ޕައުންޑުގެ ބަޖެޓެއް ކަނޑައަޅާފައިވީ ނަމަވެސް މެކެއި ވަނީ ކުޅުންތެރިން ހޯދުމަށްޓަކައި އިތުރު 15 މިލިއަން ހަރަދުކޮށް ބަޖެޓް ބޭކާރުކޮށްފައި ކަމުގެ ތުހުމަތު ކޯޗުގެ ބޮލުގައި އަޅުވައިފަ އެވެ.
މެކެއި އަކީ މިސީޒަންގައި ޕްރިމިއާ ލީގު ކްލަބުތަކުގެ ކޯޗުންގެ ތެރެއިން ވަޒީފާ ގެއްލުނު ހަވަނަ ކޯޗެވެ. 2011 ވަނަ އަހަރުގެ ޖޫންމަހު ކާޑިފްއާ ހަވާލު ވުމަށް ފަހު އޭނާ ވަނީ 52 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކާޑިފް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިގެ ތެރެއަށް ގެނެސްފަ އެވެ. އޭނާގެ ކޯޗު ކަމުގައި ކާޑިފް ޖުމުލަ 125 މެޗު ކުޅެފައިވާއިރު އޭގެތެރެއިން 54 މެޗު ކާމިޔާބުކޮށްފައިވެ އެވެ. އަދި 37 މެޗު އެއްވަރުވެފައިވާއިރު ބަލިވެފައިވަނީ 34 މެޗުންނެވެ.
ޕްރިމިއާ ލީގު ތާވަލުގެ 16 ވަނައިގައި 17 ޕޮއިންޓާއެކު ކާޑިފް އޮތްއިރު އާދިއްތަދުވަހު ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ކާޑިފްގެ ކޯޗަކަށް ހުންނާނީ އެސިސްޓެންޓް ކޯޗު ޑޭވިޑް ކާސްލެކް އެވެ.