އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހާމިދު މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތަށް ބާތިލްކުރި މައްސަލާގަ އެވެ.

އޭނާ ހުށަހެޅުވި މައްސަލައިގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އެ މާއްދާތަށް ބާތިލް ކުރި އިރު މައުސޫމް މީހަކު ޖަލަށް ގެންދެވޭނެ ކަމާމެދު ގޮތެއްކަނޑައަޅާފަ ނެތް ކަމަށާއި އެކަމުގެ ސަބަބުން އޭނާ އަށް އަނިޔާ ލިބިފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ދުސްތޫރީ ގަޒިއްޔާ ނަމްބަރު 12/SC-C / 2013، 28 ނޮވެމްބަރ 2013 ވަނަ ދުވަހުނިންމެވިއިރު، އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބައެއް އިމްތިޔާޒުގެ މައްސަލައެއް ކަމާއި، ހަމަ އެވަގުތު މަޖިލީހު މެމްބަރަކު ހުރީ އިމްތިޔާޒުގެ މައްސަލައެއްގަ ގޭގައި ބަންދުގައި ކަމާއި، އެމީހަކީ އަޅުގަނޑު ކަން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯރޓްގެ އުއްތަމަ ފަނޑިޔާރަށް ވާނީ ކުރިއަށް އެނގިވަޑައިގެންފަ. އަދި އިމްތިޔާޒްއާއި ޚިލާފަށް އަޅުގަނޑާއި މެދު ކްރިމިނަލް ކޯޓުން އެބަ ޢަމަލުކުރައްވާކަމަށް އާންމުކޮށް ތުހުމަތުކޮށްފައިވަނިކޮށް، ދަންނަވާފައެވާ ގަޒިއްޔާ ނިންމެވުމުގެ ސަބަބުން މައުސޫމު ކަމުގައި ދެމިހުރި އަޅުގަނޑަށް އަނިޔާއެއް މެދުވެރިވެދާނޭކަމާމެދު އުއްތަމަ ފަނޑިޔާރު ބައްލަވާފައެއް ނުވޭ،" ހާމިދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވެއެވެ.

ހާމިދު ހަމަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އޭނާ ހަ މަސް ދުވަހަށް ޖަލަށްލާފައި ވަނިކޮށް ހައިކޯޓުން އެ ހުކުމް ބާތިލްކުރުމުން އޭނާ ވަނީ ދޫކޮށްލާފަ އެވެ.