27 Dec 2013, 16:11
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރައްވާފައިވާ 15 ވަޒީރުނަށް ރުހުން ދިނުމުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް ތަވާލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ދުވަހު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އޮންނާނެ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާމިންވަރުބަލާ ކޮމެޓީން ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް އައްޔަން ކުރައްވާފައިވާ 15 ވަޒީރުންގެ ތެރެއިން އަށް ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށް ވަނީ ފާސްކޮށްފަ އެވެ. އަދި ހަތް ވަޒީރަކަށް ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީގެ ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފަގުން ވަނީ ފާސްކޮށްފަ އެވެ.
ކޮމެޓީން ރުހުން ނުލިބުނު ވަޒީރުންނަކީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝާހިމް އަލީ ސައިދާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.
އެމްޑީޕީ މެޖޯރިޓީ އޮންނަ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން އެ ބޭފުޅުންނަށް ރުހުން ނުލިބުނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހަ މެމްބަރަކު އެ ބޭފުންނަށް ރުހުން ނުދިނުމުންނެވެ. އެ އަށް ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު މެމްބަރުންނެވެ.
ރައީސް ޔާމިންގެ ކެބިނެޓްގައި ހިމެނޭ އަނެއް ހަތް ވަޒީރުންނަށް ކޮމެޓީން ރުހުން ދިނީ ވޯޓުގައި ބައިވެރިވި 10 މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ ރުހުން ލިބުނު ހަތް ވަޒީރުންނަކީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައިދާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިމިނަތު ޝިހާމާއި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން އެޓާނީ ޖެނަރަލް މުހައްމަދު އަނިލް އެވެ.
ކޮމެޓީން ރޭ ރުހުން ނުދިން އަށް ވަޒީރުންގެ ތެރެއިން އުމަރު ނަސީރު ފިޔަވައި އެހެން ހުރިހާ ވަޒީރުންނަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ކެބިނެޓްގެ ބޭފުޅުންނެވެ.
ބައެއް ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީ މެޖޯރިޓީ އޮންނަ ކޮމެޓީން ނިންމި އިރު އެމްޑީޕީއަށް މަޖިލީހުގައި ސާފު އަގުލަބިއްތު ވަނީ ގެއްލިފަ އެވެ.