ވިހާފައި ފޫޅުދަނޑިއާ އެކު ހުޅުމާލޭ ގޮނޑުދޮށަށް އެއްލާލައިފައިވާ އޮއްވައި ފެނުނު ތުއްތު އަންހެން ކުއްޖާ ބޭނުން ވެގެން އެދިފައިވާ ފަރާތްތަކުގެ ތެރެއިން އާއިލާއަކަށް އެ ކުއްޖާ އަންނަ ހަފުތާގައި ހަވާލު ކުރާނެ ކަމަށް ޖެންޑާ ޑިޕާޓްމަންޓުން ބުނެފި އެވެ.


އެ ޑިޕާޓްމަންޓުގެ ނައިބު މާރިޔާ އަލީ މިއަދު ވިދާޅުވީ އެ ތުއްތު ކުއްޖާ އާއިލާއަކާ ހަވާލު ކުރުމަށް ކުރިން ނިންމާފައި ވަނީ މިއަދު ކަމަށާއި އެހެން ނަމަވެސް އެފަދަ ކަންކަން ނިންމާ ޕެނަލްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަށް މިއަދުގެ ބައްދަލުވުމަށް ވަޑައިނުގެންނެވުމުން އެ ކަމަށް ގޮތެއް ނިންމެވުން ފަސްކުރެއްވީ ކަމަށެވެ.


ހަތް މެމްބަރުން ހިމެނޭ އެ ޕެނަލްގައި ކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.


މާރިއާ ވިދާޅުވީ އެ ކުއްޖާއާ ހަވާލު ކުރާނެ ފަރާތެއް ކަނޑައަޅާނީ، އެ ކުއްޖާ ހަވާލު ކުރާނެ ފަރާތެއްގެ ހުރިހާ އެސެސްމަންޓެއް ޕީޖީ އޮފީހަށް ހުށަހެޅުމަށް ފަހު، ޕީޖީ އޮފީހުން ކޯޓަށް ފޮނުވައި ކޯޓުން ނިންމާ ގޮތެއްގެ މަތީން ކަމަށެވެ.


ކޯޓުން އެކުއްޖާ އާއިލާއަކާ ހަވާލު ކުރުމަށް ފަހު ކުއްޖާ ބޭނުންވެގެން ދެން އެ ކުއްޖާގެ މަންމަ ނުވަތަ އާއިލާ އިން ދާން ޖެހޭނީ ކޯޓަށް ކަމަށް ޖެންޑާ ޑިޕާޓްމަންޓުން ބުންޏެވެ.


އެ ކުއްޖާ މިހާރު އޮތީ ކޮންތާކުތޯ ދެންނެވުމުން މާރިއާ ވިދާޅުވީ ކުއްޖާ އޮތީ ވަރަށް "ސޭފް" (ސަލާމަތްތެރި) ތަނެއްގައި ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންތަނެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ބަލަހައްޓަމުން އަންނަނީ ކުޑަކުދިންގެ ހިޔާގަ އެވެ.


މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ އެ ކުއްޖާ ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ ވަތަނިއްޔާ އެންޓަނާއާ ދިމާ ގޮނޑުދޮށުންނެވެ. ފުލުހުން ބުނެފައި ވަނީ އެ ކުއްޖާގެ ފެނުނު އިރު ހަށިގަނޑުގެ ބޭރު ފުށުން އެއް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.


އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދީފައެއްނުވެ އެވެ.


ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިހާރު ވެސް އަންނަނީ ދެ އަހަރުން ދަށުގެ 14 ކުޑަ ކުއްޖަކު ސަރުކާރުން ބަލަހައްޓަމުންނެވެ.


ދަރިން ލިބިފައިނުވާ، ނުވަތަ އާއިލާއެއްގެ އަޅާލުން ލިބިފައިނުވާ، ކުދިން ބޭނުންވާ ފަރާތްތަކަށް މީގެ ކުރިން ވެސް ޖެންޑާ އިން ވަނީ ކުދިން ހަވާލުކޮށްފަ އެވެ. އަދި މިހާރު ތިބި ކުޑަ ކުދިން ވެސް ޢާއިލާތަކުން ބޭނުންވެއްޖެ ނަމަ ޝަރުތު ފުރިހަމަވާ ފަރާތްތަކާ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތެއްގެ މަތީން ހަވާލު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.


އޭނާ ވިދާޅުވީ އެ ކުއްޖާގެ އިތުރަށް ކުޑަ ކުދިންގެ ހިޔަލުގައި ތިބި ކުދިން ބަލަން ބޭނުން ވެގެން އެދިފައިވާ ފަރާތްތަކުގެ ތެރެއިން މިހާރު ބައެއް ފަރާތްތަކުގެ އެސެސްމަންޓް ހަދާފައި ވާނެ ކަމަށެވެ. އަދި އެ އާއިލާތަކުގެ ޕޮލިސް ރިކޯޑާއި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާފައި ނިމިފައިވާ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ. އެހެންނަމަ ވެސް އެއީ ކިތައް މީހުންނެއް ކަމެއް މާރިއާ ވިދާޅެއް ނުވެ އެވެ.