27 Dec 2013, 14:10
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމުގެ ޚާއްޞަ ސިޓީފުޅެއް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރު މަހާތިރު މުޙަންމަދަށް އަރުވައިފި އެވެ.
އެ ސިޓީފުޅު މަހާތީރަށް އެރުއްވީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ބޮޑުވަޒީރު މަހާތިރާ މިއަދު ހެނދުނު މެލޭޝިޔާގައި ބައްދަލުކުރެއްވުމަށް ފަހު އެވެ.
އެ ސިޓީފުޅު އެރުވުމަށް ފަހު އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ހެޔޮއެދުންތައް ޑރ. މަހާތިރަށް ރައްދުކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ. އަދި، ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތްގުޅުން ބަދަހިކުރެއްވުމަށް މަހާތިރު، މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވައި އެކި ދާއިރާތަކުގައި ތަރައްގީ ކުރެއްވުމަށް ރާއްޖޭގެ މިހާރުގެ ސަރުކާރުން ވެސް ބޭނުންފުޅުވާކަން ރައީސް މައުމޫން ހާމަކުރެއްވި އެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި، މި ވޭތުވެދިޔަ ފަސް އަހަރު ދުވަހު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހިނގާދިޔަ ގޮތުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އަދި ރާއްޖޭގެ އިގްތިޞާދީ ޙާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ، އިގްތިޞާދު ރަނގަޅު ކުރެއްވުމަށް މިހާރުގެ ސަރުކާރުން އަދި ރައީސް ޔާމީން އިސްނަނަގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފުޞީލު ވެސް ރައީސް މައުމޫން، ޑރ. މަހާތިރަށް އެރުވި އެވެ. އަދި އެ މަސައްކަތުގައި ރާއްޖެއާ ރަޙްމަތްތެރި ގައުމުތަކުގެ އެއްބާރުލެއްވުން ރައީސް ޔާމީނުގެ ސަރުކާރަށް ބޭނުންފުޅުވާ ކަމުގައި ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ޑރ. މަހާތިރު ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުގައި ބަދަހިކުރެއްވުމަށް ރައީސް މައުމޫނުގެ ޒަޢާމަތުގައި އެމަނިކުފާނު އަދާކުރެއްވި ދައުރު ފާހަގަކުރައްވައި ރައީސް މައުމޫނަށް ޝުކުރުއަދާކުރެއްވި އެވެ.