Last Updated:
1 decade 2 year ago

ހުޅުމާލެ ރޯ ހައުސްއެއްގައި ރޯވެ، ބޮޑު ބައެއް އަނދައިފި

    ބުލޮގު ޚުލާސާ
    ހުޅުމާލެގައި ހުންނަ ރޯހައުސްތަކެއްގައި އަލިފާނުގެ އާދިސާއެއް ހިނގައި އެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި އަލިފާނުގެ އެ ހާދިސާގައި ރޯވެފައި ވަނީ "މަށި1، މަށި2، މަށި3، މަށި4 އަދި މަށި 5،ގެ ތިން ވަނަ ފަންގިފިލާގަ އެވެ.

    އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ރޯވެފައިވާ ތަންތަނުގައި ހުރި އެއްޗެއްހި ހުރީ ބޭނުން ނުކުރެވޭ މިންވަރަކަށް އަނދާފައި ކަމަށެވެ.

    މިއަދު ހެނދުނު 10:30 އެހާކަންހާއިރު ފުރަތަމަ އަލިފާން ރޯވެފައި ވަނީ "މަށި 3"ގަ އެވެ. އަދި އޭގެ ފަހުގައި އަލިފާނުގެ ހުޅުގަނޑުބޮޑުވެ ޖެހިޖެހިގެން ހުރި "މަށި 1"، "މަށި 2"،"މަށި 4" އަދި މަށި 5ގައި" ވަނީ ރޯވެފަ އެވެ. އޭގެ އިތުރުން މަށި 6،ގެ އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

    އެ ހާދިސާ ހިނގި ގޮތް އަދި ސާފުވެފައިނުވާ ކަމަށް ފުލުހުންބުނެ އެވެ.

    13:05

    ގާތްގަނޑަކަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ. ރޯވިތަނުގައި ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއް ނެތް. އެތައް ބައެއްގެ މުދާތައް ވަނީ އަނދައި ހުލިވެފައި.
    12:54

    ފުރާޅު ޓިނުތައް ނައްޓައިގެން އިމާރާތުގެ އެތެރެއަށް ފެންޖެހުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ފަށައިފި. އަލިފާން ނިއްވުމުގައި އާންމުގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭ.
    12:53

    ރޯ ހައުސްގައި ރޯވެފައިވާ އަލިފާންގަނޑު ކުރިއަށް ވުރެ ބޮޑަށް ކޮންޓްރޯލްކޮށްފި. ދުން އަދިވެސް ދަނީ އަރަމުން.
    12:38ހުޅުމާލެއިން

    އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންދާތާ ގަޑިއެއްހާއިރު ވެއްޖެ. އަދިވެސް އަލިފާގަނޑު ކޮންޓްރޯލެއް ނުކުރެވޭ. އަލިފާން ރޯވި ރޯ ހައުސްގެ ހުރިހާ އެއްޗެހިތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި.
    12:34ހުޅުމާލެއިން

    އެއާޕޯޓުގެ ފަޔާ ލޮރީއެއް އަލިފާން ނިއްވުމަށް މި ސަރަހައްދަށް އައިސްފި. އަދި ވެސް އިމާރާތުން ވަރަށް ބޮޑަށް ދުން އަރަމުންދަނީ. އަލިފާން ނިއްވުމުގެ މަސައްކަތް މެދުނުކެންޑި އަދިވެސް ދަނީ ކުރިއަށް.
    12:30

    އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު 11:30ހާއިރު އެ ހާދިސާ ހިނގުމާއި ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ގެންދަނީ އެ ސަރައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު ހުސެއިން އަލީ ވިދާޅުވީ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާ ކަމަށާއި ނަމަވެސް އަލިފާންގަނޑު އަދި އެއްކޮން ނިއްވާ ނުލެވޭ ކަމަށެވެ. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
    12:22ހުޅުމާލެއިން

    ސިފައިންނާއި ފުލުހުންނާ އާންމުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދަނީ. އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވޭ. އަލިފާންގަނޑު ފެތުރޭލެއް ބާރުވުމުން، އެހެން ދިމާތަކަށް ވެސް ދަނީ އަލިފާންގަނޑު ފެތުރެމުން. އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި ނޭނގޭ.
    12:18ހުޅުމާލެއިން

    ފުރަތަމަ އަލިފާން ރޯވީ "މަށި 3"ގައި. އެކަމަކު ޖެހިޖެހިގެން ހުރި ބުލުކޮތަކުގެ "މަށި 1" އާއި "މަށި 2" އާއި "މަށި 4" ވަނަ ރޯ ހައުސްއަށް ވެސް ވަނި އަލިފާންގަނޑު ފެތުރިފައި. އަލިފާން ރޯވެފައިވަނީ އެ އިމާރާތްތަކުގެ މަތީ ބުރީގައި.