ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާ ދިރިއުޅެނީ ދައުލަތުން ފޯރުކޮށްދީފައިވާ ރަސްމީ ގެކޮޅު ފިޔަވައި، އެހެންތަނެއްގައި ކަމުގައިވާ ނަމަ އެތަނަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމަށް މަޖިލީހަށް ބިލެއް ވައްދައިފި އެވެ.

ރައީސްގެ އަމިއްލަ ގެކޮޅަށް ދައުލަތުން ހަރަދު ކުރުމަށް މަޖިލީހަށް ބިލެއް ވެއްދީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ރިޔާޒު ރަޝީދެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނަށް ހަތަރު އިސްލާހެއް ގެނައުމަށެވެ.

އެ ގާނޫގައި މިހާރު ބުނެފައިވާ ގޮތުން ދައުލަތުން ހަރަދު ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އަށް ދައުލަތުން ހަމަޖައްސައިދީފައިވާ ރަސްމީ ގެކޮޅަށެވެ. އަދި ނައިބު ރައީސަށް ވެސް ދައުލަތުން ހަރަދު ކުރަންޖެހޭނީ އެމަނިކުފާނަށް ދައުލަތުން ހަމަޖައްސައިދީފައިވާ ރަސްމީ ގެކޮޅަށް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ރިޔާޒު ވިދާޅުވެފައި ވަނީ ރައީސާއި އެމަނިކުފާނުގެ އާއިލާ އަދި ނައިބު ރައީސާއި އެމަނިކުފާނުގެ އާއިލާ ދައުލަތުން ހަމަޖައްސާފައިވާ ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވާ ހާލަތެއްގައި، އެބޭފުޅުން ދިރިއުޅުއްވާ ތަނަކަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ މުވައްޒަފުންނާއި އެނޫން ވެސް ހަރަދުތައް ހަމަޖެއްސަން ޖެހޭ ކަމަށެވެ.

ރައީސްގެ އަމިއްލަ ގެކޮޅަށް ހަރަދު ކުރަންޖެހޭނީ ދައުލަތުގެ ބަޖެޓުން ރައީސްގެ ރަސްމީ ގެކޮޅަށް ކަނޑައަޅާފައިވާ ބެޖެޓުން ކަމަށް ރިޔާޒުގެ ބިލުގައިވެ އެވެ. އަދި ރައީސް ދިރިއުޅުއްވާ ތަނަށް އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ހަރަދު ފިޔަވައި، އިތުރު އެއްވެސް ކެޕިޓަލް ހަރަދެއްކޮށްގެން ނުވާނެ ކަމަށް ބިލުގައިބުނެ އެވެ.

ރައީސް ޔާމިން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނު ނިންމަވާފައި ވަނީ ދައުލަތަށް ހަރަދު ކުޑަކުރުމުގެ ގޮތުން އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ. ދޫވެހީގައި ދިރިއުޅުއްވުމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައަޅާފައިވާ 100،000ރ. މުސާރައިން އެމަނިކުފާނު ނަންގަވަނީ ދެބައި ކުޅަ އެއްބަޔަށްވާ 50،000ރ. އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވިޔަސް، "މުލިއާގެ"އަށް އަންނަ އަހަރު ކުރަން ޖެހޭ ހަރަދު އަށް ޕަސެންޓަށް ބޮޑުވާނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުން ވަނީ ދައްކާފަ އެވެ.

ރިވައިސް ކުރަމުންދާ މި އަހަރުގެ ބަޖެޓުން ރައީސްގެ ރަސްމީ ގެކޮޅަށް 17.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުން ދައްކަ އެވެ. ރައީސްގެ ގެކޮޅަށް އަންނަ އަހަރު ކުރަންޖެހޭ ހަރަދު 19.1 މިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ޖަހާފަ އެވެ.

އެއީ މިއަހަރު މުލިއާގެއަށް ކުރި ހަރަދަށް ވުރެ އަށް ޕަސެންޓް އިތުރުވުމެކެވެ. އެގޮތުން އަންނަ އަހަރު އިތުރަށް 1.4 މިލިއަން ރުފިޔާ މުލިއާގެއަށް ހަރަދުވާނެ އެވެ.