އާޓްލައިން ޑިޒައިން ސާވިސް ޕްރައިވެޓް ލިމިޑެޓުން ދައުލަތަށް ޓެކްސް ނުދައިކައިގެން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދަން، އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މީރާ އިން ބުނީ އާޓްލައިނާ ދެކޮޅަށް ދައުވާއެއް ހުށަހެޅީ ޖީއެސްޓީގެ ގޮތުގައި ނުދައްކައިވާ ފައިސާ އާއި ކަނޑައެޅިފައިވާ ތާރީހަށް ޖީއެސްޓީގެ ފައިސާ ދައުލަތަށް ނުދެއްކުމުން ކަމަށެވެ. އަދި ޖީއެސްޓީ ބަޔާން މީރާ އަށް ހުށަނޭޅުމުން ޖޫރިމަނާއަށްވާ ފައިސާ ހޯދުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ހުށަހެޅި ދައުވާގައިވާ ގޮތުން އާޓްލައިނުން 134,290ރ. ނަގައިދިނުމަށް އެދިފައިވެ އެވެ.

މީރާ އިން އާޓްލައިނާ ދެކޮޅަށް ސިވިލް ކޯޓަށް އިއްޔެ ހުށަހެޅި މައްސަލަ، އެ ކޯޓުގައި ފައިލްކޮށްފައިވާކަން ގަޟިއްޔާ ނަމްބަރާ އެކު މީރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

ކުންފުނިތަކުންނާއި އާންމު ފަރާތްކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން 38.5 މިލިއަން ރުފިޔާ ހޯދުމަށް މީރާ އިން ވަނީ ކޯޓުގައި ދައުވާކޮށްފަ އެވެ. އެގޮތުން 80 މައްސަލައެއް މީރާއިން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

މީރާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައްސަލަތަކުގެ ތަފްސީލަށް ބަލާ އިރު، މި އަހަރު ތެރޭ ކޯޓަށް 20 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި މިދިޔަ އަހަރު 35 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ އިރު، 2011 ވަނަ އަހަރު 25 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވެ އެވެ.

ޓްލައިން ޑިޒައިން ސާވިސް ޕްރައިވެޓް ލިމިޑެޓުން ދައުލަތަށް ޓެކްސް ނުދައްކާއިރު، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންނި، ގޯ މީޑިއާ ޕްރައިވެޓް ލިމިޓެޑުން ވަނީ މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ އެންމެ ބޮޑު ބާޒާރު ނައިޓްމާކެޓް މިއަހަރު ދެ ފަހަރެއްގެ މަތިން ބާއްވައިފަ އެވެ.