ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިން ކުރަމުންދާ ތަޖުރިބާތައް ކިތަންމެހާ ވެސް ތަފާތެވެ. ތަހުޒީބު މުޖުތަމައުއަކަށް ދިވެހިން ހޭލައި ދެނީ ޒަމާނީ ޓެކްނޮލަޖީގެ ވަސީލަތްތަކެވެ. އެކަމުގެ އަސްލު ހަގީގީ ބައިވެރިޔަކީ މުވާސަލާތީ ހިދުމަތެވެ. ޖީބަށް ބަރުވެ، ގެންގުޅެން އުނދަގޫވި ފޯން މިއަދު "ޒައްރަކަށް"ވެއްޖެ އެވެ. އަތް ނުފޯރާ ފަށުގައި ހުރި މުވާސަލާތީ އަގުތައް މިއަދު ތިރިވެއްޖެ އެވެ. ރުށް ކުރިން ލިބުނު ރޭންޖު، ކަނޑު އޮޅިން ބޭރަށް ލިބެން ފަށައިފި އެވެ. ރަތް ނޫޓުން އަގު ބޮޑުކޮށް ގަތް ސިމްކޮޅު ވަކި ލާރިކޮޅަކަށްވެއްޖެ އެވެ.

ވާދަވެރި ވިޔާފާރީގެ މާހައުލެއްގައި އެ ބަދަލު އަންނަން މެދުވެރިވި އެއް ބައިވެރިޔަކީ "އުރީދޫ މޯލްޑިވްސް" އެވެ. ނުވަތަ ކުރީގެ ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އެވެ. މުވާސަލާތީ ހިދުމަތުގައި އާ ކަމެއް ރާއްޖޭގައި ފުރަތަމަ ކުރާނަމަ އޭގެ އިސް ސަފުގައި އެމީހުން ތިބޭނެ އެވެ. ތްރީޖީ ހިދުމަތް މެދުވެރިކޮށް ވީޑިއޯ ކޯލް ކުރުމާއި އިންޓަނެޓް މޯޑެމް އާއި ރަށު ފޯނު ތައާރަފް ކުރުމުގައި ވެސް އެމީހުންގެ ދައުރު ބޮޑެވެ.

ރާއްޖޭގައި ފޯންގެ ހިދުމަތް ލިބެންފެށިތާ 17 ވަރަކަށް އަހަރު ފަހުން މޮބައިލް ފޯން އޮޕަރޭޓާ ލައިސަންސް ރާއްޖޭގައި ދެވަނައަށް ހޯދި ކުންފުނީގެ ތްރީޖީ ފުރަތަމަ ރާއްޖެއަށް ތާރަފް ކުރީ 2008 ވަނަ އަހަރު އެވެ. އެއާ އެކު އޯޑިއޯ ކޯލްގެ އިތުރުން ސްމާޓް ފޯން ތަކުން ވީޑިއޯ ކޯލްތައް ކުރެވޭނޭ ގޮތް ފަހި ކޮށްދިނެވެ. އޭގެ ފަހުން 2009 ވަނަ އަހަރުގެ ފަހުކޮޅުގައި ބައިނަލްއަގްވާމީ ތްރީޖީ ކޯލްގެ ހިދުމަތް ވެސް ތައާރަފް ކުރިއެވެ. އަދި ވަތަނިއްޔާ ތްރީޖީ ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތާއެކު ރާއްޖޭގައި އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އިންޓަނެޓުގެ އަގު ވެސް ކުރިން ދެކެފައި ނުވާ މިންވަރަށް ހެޔޮކޮށްލަ ދިނެވެ.

ވަތަނިއްޔާގެ ނެޓްވޯކަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު މި އަހަރުގެ މެދެއްހާ ހިސާބުގައި ފެނިގެންދިޔައީ އެކުންފުނީގެ ހިދުމަތްތައް އަނެއްކާ ވެސް ވަރުގަދަވެގެން ދިޔަ ތަނެވެ. ވަތަނިއްޔާއިން ރާއްޖޭގައި "ފޯތު ޖެނެރޭޝަން މޯބައިލް ޓެލެކޮމިއުނިކޭޝަން ޓެކްނޯލޮޖީ" ފޯޖީ ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ދޭންފެށިތާ ހަތަރުވަރަކަށް މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ 15 އެމްބީޕީއެސްގެ ހަލުއިސްޕީޑުގައި މޮބައިލް ފޯނުތަކަށް ފޯޖީގެ ހިދުމަތް ދޭން ފަށައިފަ އެވެ.

އުރީދޫ އަށް ވަތައްނިޔާގެ ނަން ބަދަލު ކުރުމަށް ފަހު އެކުންފުނިން ބުނީ މިއަދަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތުގައި ތާރީހީ ދުވަހެއް ކަމަށެވެ. އަދި ނަމަށް އައި ބަދަލު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމަލީ ގޮތުން ދައްކުވައި ދިނުމުގެ ވައުދު ވެސް އެ ކުންފުނިންވި އެވެ. އަދި ނަން ބަދަލުކުރި ހަފްލާގައި އެކުންފުނިން ވަނީ، ރާއްޖޭގައި އެކުންފުނިން ތްރީޖީ ޕްލަސްގެ ހިދުމަތް ލިބެމުންދާ ސަރަހައްދުތައް އިތުރު ކޮށްފަ އެވެ. އިތުރު އަށް ރަށަކަށް ތްރީޖީ ޕްލަސްގެ ހިދުމަތް ތައާރަފް ކުރިއިރު އުރީދޫއިން ބުނީ، ކުރިން ރާއްޖޭގެ 75 އިންސަތަ ކަވަރު ކޮށްފައިވާ އެ ހިދުމަތް މިހާރު މިވަނީ 84 އިންސައްތައަށް މަތި ކުރެވިފައި ކަމަށެވެ. އަދި އަހަރު ނިމެންވާ އިރަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ތްރީޖީ ޕްލަސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެކެވެ. އުރީދޫއިން ބުނީ މިހާރު އެކުންފުނިން ފޯޖީގެ ހިދުމަތް ވެސް ރާއްޖޭގެ 23 އިންސައްތައަށް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

ވަތަނިއްޔާގެ ބައިނަލްއަގްވާމީ މައި ކުންފުނި ކަމަށްވާ "ކިއުޓެލް ގްރޫޕު"ގެ ނަން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި "އުރީދޫ"އަށް ބަދަލު ކުރި ފަހުން އޭޝިޔާގައި އެ ކުންފުނީގެ ދަށުން ހިންގަމުން ގެންދިޔަ ކުންފުނި ތަކުގެ ތެރެއިން ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އަކީ މި ސަރަހައްދުގައި އުރީދޫ އަށް ބަދަލުކުރި ފުރަތަމަ ކުންފުންޏެވެ. އޭގެ ސަބަބު ތަކުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި ރަނގަޅުވުމާއި ކަސްޓަމަރުންގެ މަގުބޫލުކަން ހޯދުމަށް ކުންފުނީގެ ހީވާގި މުވައްޒަފުން ކުރަމުން ގެންދާ ބުރަ މަސައްކަތްތައް ހިމެނޭކަން އުރީދޫ ގްރޫޕުގެ ސީއީއޯ ޑރ. ނާސިރު މަރާފިހް ވަނީ އުފަލާއެކު ފާހަގަކުރަށްވާފަ އެވެ.

ނަމަށް ގެނެވުނު ބަދަލާއެކު "އުރީދޫ މޯލްޑިވްސް" އިން ބުނެފައި ވަނީ މިއީ ހަމަ އެކަނި ނަމަށް ގެނައި ބަދަލެއް ނޫން ކަމަށެވެ. އަރަބި ބަހުން "އުރީދޫ" އަކީ (އަހަރެން ބޭނުން) މިއެވެ. ބަހުގެ މާނައާއެކު އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަނެއްކާވެސް އާ ކަމެއްކޮށްލުމެވެ. ތަޖުރިބާ ތަފާތުކޮށްލުމެވެ.

"މިއީ ހަމަ އެކަނި ނަމަށް ގެނައި ބަދަލެއް ނޫން. މިއާއެކު އަޅުގަނޑުމެން ދެމުން ގެންދާ ހިދުމަތްތަކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނާނަން. އަދި މި ބަދަލާއެކު އަންނަ ކުރިއެރުންތައް ވެސް ވަރަށް އަވަހަށް ފެންނަން ފަށާނެ،" ކުރުނބާ މޯލްޑިވްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާރޫނު ސަހުލް ހަމީދު ވިދާޅުވި އެވެ. "އުރީދޫއަކީ ގުރޫޕެއް. މަސްކަތްކުރަނީ އެއް އަމާޒަކަށް. ބޭނުންވީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން. އެހެންވެ އަޅުގަނޑުމެންގެ މި ނަން އެއް ނަމަކަށް މިހާރު މި ބަދަލު ކުރެވުނީ."

އުރީދޫ މޯލްޑިވްސްގެ މައި ކުންފުނީގެ ވިސްނުމަކީ ވެސް އެކުންފުނީގެ އެހެނިހެން ތަންތަނަށް ފޯރުކޮށްދެމުން ގެންދާފަދަ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ޒަމާނީ މުވާސަލާތީ ހިދުމަތްތަކެއް ރާޖެއަށް ފޯރުކޮށްދިނުމެވެ. އެ ކުންފުނިން ބުނެފައި ވަނީ މިހާރު ރާއްޖޭގައި އެ ކުންފުނީގެ ހިދުމަތްހޯދާ ފަރާތްތަށް އަދަދު ކުރާނަމަ އެއީ ކޮންމެ ތިން މީހަކުން ދެ މީހުން ކަމަށެވެ. އެއީ ގާތްގަނޑަކަށް 270،000 މީހުންނާ ގާތްކުރާ އަދަދެކެވެ.

ވާދަވެރި މާހައުލެއްގައި އަޅުގަނޑުމެން އެންމެނަށް ވެސް ފުރިހަމަ ހިދުމަތްތަކެއް ލިބޭނެ އެވެ. އަޅުގަނޑުމެން ބޭނުން ވަނީ ވެސް އެގޮތެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ އަދި ވަމުން އަންނަ އެހެނިހެން ގައުމުތަކުގައި ވެސް މުވާސަލާތީ ހިދުމަތް އެންމެ އާދައިގެ މީހާއަށް ވެސް އަތްފޯރާ ފަށުގައި ފެންވަރު ރަނގަޅުކޮށް ފޯރުކޮށް ދިނުމަކީ އެކުންފުނިތަކުގެ ވެސް އަމާޒެވެ. އަދި އުރީދޫގެ ވެސް އަމާޒަކީ ރާއްޖޭގައި އެންމެ އާދައިގެ ރައްޔިތަކަށް ވެސް އުފަލާއި ހިތްހަމަ ޖެހުމާއެކު އެކުންފުނީގެ ޒަމާނީ ޓެކްނޯލޮޖީގެ ހިދުމަތް ބޭނުން ކުރެވޭނޭ ފަދަ ހާލަތަކަށް ރާއްޖޭގައި ދެވޭ މުވާސަލާތީ ހިދުމަތް ތަރައްގީކޮށް ފުޅާކުރުމެވެ.

އުރީދޫ މޯލްޑިވްސްގެ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މެނޭޖަރު މަރިޔަމް އަހުމަދު ދީދީ (މަރީ) ވިދާޅުވީ ކުންފުނީގެ ނަމަށް އައި ބަދަލާއެކު ހުރިހާ ކަމެއް ވެސް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އުރީދޫގެ ހީވާގި މުވައްޒަފުންނާއި ހިދުމަތްދޭ މަރުކަޒުތަކުން ވެސް ފެނިގެންދާނީ "އޯގާތެރިކަމާ އެކު ގުޅުވައިދީ ވާދަވެރިކަމާ އެކު މަސައްކަތް ކުރާ މަންޒަރު" ކަމަށެވެ.