26 Dec 2013, 23:51
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތުމުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހަތް މެމްބަރަކަށް އެ ޕާޓީގެ ޓިކެޓް ލިބިއްޖެ އެވެ. ވާދަ ކުރާނެ ބޭފުޅަކު ނެތުމުން ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓް ވަނީ 22 ކެންޑިޑޭޓަކަށް ދީފަ އެވެ.
އެމްޑީޕީން ވަނީ މާލެ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް މިއަދު އިއުލާންކޮށްފަ އެވެ. އެގޮތުން މިއަދު ވަނީ އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 85 ދާއިރާގެ ތެރެއިން 72 ދާއިރާއަށް ކުރިމަތިލި ފަރާތްތައް އިއުލާންކޮށްފަ އެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރޭގައި މަޖިލީހުގެ މިހާރު ތިއްބެވި ހަތް ބޭފުޅަކު ހިމެނެ އެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަބޯ) އާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) އަށެވެ. އަލިބެ މަޖިލީހުގައި ވެލިދޫ ދާއިރާ ތަމްސީލު ކުރެއްވިނަމަވެސް އެމަނިކުފާނު ކުރިމަތިލައްވަނީ ހޮޅުދޫ ދާއިރާއަށެވެ. އެ ދާއިރާއަށް އިތުރު މީހަކު ވާދަ ނުކުރުމުން އޭނާއަށް ވަނީ އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންފަ އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދެން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ހަނިމާދޫ ދާއިރާ އަށް ކުރިމަތިލި މުހައްމަދު އާދިލާއި ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލެއްވި އުބައިދުﷲ މުއާދާއި ކޮމަންޑޫ ދާއިރާއަށް ކުރިމަތިލެއްވި އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި ފުނަދޫ ދާއިރާއަށް ކުރިމަތިލެއްވި އައްބާސް މުހައްމަދާއި އަލިފުށީ ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ރަޝީދު ހުސައިން (ބިގްއޭ) އާއި އޭދަފުށީ ދާއިރާއަށް ކުރިމަތިލެއްވި ހިސާން ހުސައިން އެވެ. އަދި ކުރެންދޫ ދާއިރާއަށް ކުރިމަތިލެއްލި އަބުދުލް މަޖީދު އަބްދުލް ބާރީ އާއި ގުރައިދޫ ދާއިރާއަށް ކުރިމަތިލެއްވި އަލީ ޝާހިން އާއި މަތިވެރި ދާއިރާއަށް ކުރިމަތިލި ހަސަން ޒަރީރާއި ދަނގެތި ދާއިރާއަށް ކުރިމަތިލި އިބްރާހިމް ރަޝީދު އަބޫބަކުރާއި މުލަކު ދާއިރާއަށް ކުރިމަތިލެއްވި އިބްރާހިމް ނަސީރާއި ގައްދޫ ދާއިރާއަށް ކުރިމަތިލެއްވި އިބްރާހިމް އަމީރާއި ނިލަންދޫ ދާއިރާއަށް ކުރިމަތިލެއްވި އަޒުމް އިބްރާހިމް ހަލީލުގެ އިތުރުން މުލަކު ދާއިރާއަށް ދާއިރާއަށް ކުރިމަތިލެއްވި އިބްރާހިމް ނަސީރަށް ވެސް ވަނީ ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ލިބިފަ އެވެ.
މިހާރު ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ ބޭފުޅުންގެ ތެރެއިން ޕްރައިމަރީގައި ވާދަ ނުކުރައްވާ ތިން ބޭފުޅުންނަކީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އިތުރުން ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމެވެ.
އެމްޑީޕީން ބުނީ މިފަހަރުގެ ޕްރައިމަރީގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވަނީ ފޭދޫ ދާއިރާއަށް ކަމަށެވެ. އެގޮތުން އެ ދާއިރާއަށް ނުވަ ފަރާތަކުން ކުރިމަތިލާފައިވެ އެވެ.