26 Dec 2013, 21:56
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ކެބިނެޓްގެ 15 ވަޒީރުންގެ ތެރެއިން އަށް ވަޒީރަކަށް ރުހުން ނުދޭން ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
ކޮމެޓީން ރުހުން ނުލިބުނު ވަޒީރުންނަކީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝާހިމް އަލީ ސައިދާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.
އެމްޑީޕީ މެޖޯރިޓީ އޮންނަ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން އެ ބޭފުޅުންނަށް ރުހުން ނުލިބުނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހަ މެމްބަރަކު އެ ބޭފުންނަށް ރުހުން ނުދިނުމުންނެވެ. އެ އަށް ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދިނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު މެމްބަރުންނެވެ.
ރައީސް ޔާމިންގެ ކެބިނެޓްގައި ހިމެނޭ އަނެއް ހަތް ވަޒީރުންނަށް ކޮމެޓީން ރުހުން ދިނީ ވޯޓުގައި ބައިވެރިވި 10 މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމެޓީގެ ރުހުން ލިބުނު ހަތް ވަޒީރުންނަކީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައިދާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިމިނަތު ޝިހާމާއި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން އެޓާނީ ޖެނަރަލް މުހައްމަދު އަނިލް އެވެ.
ކޮމެޓީން މިއަދު ރުހުން ނުދިން އަށް ވަޒީރުންގެ ތެރެއިން އުމަރު ނަސީރު ފިޔަވައި އެހެން ހުރިހާ ވަޒީރުންނަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ކެބިނެޓްގެ ބޭފުޅުންނެވެ.
ކޮމެޓީން ވަޒީރުންނަށް ރުހުން ދިނުމާމެދު ވޯޓަށް ދިއުމުގެ ކުރިން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި ހުރިހާ ވަޒީރުންނަށް ގަނޑުކޮށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އަހާށެވެ. ނަމަވެސް އެމްޑީޕީގެ ހަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ ހުރިހާ ވަޒީރުނަށް ވަކިވަކިން ވޯޓަށް އަހާށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގެ ބަހުސްގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މަޖިލީހުން ކުރިން އަމަލު ކުރާ ގޮތަކީ އާ ސަރުކާރެއްގެ ފުރަތަމަ ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް މަޖިލީހުން ރުހުންދޭ ކަމަށެވެ. އަދި ރައީސް މައުމޫންގެ އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމިގެން ދިޔުމަށްފަހު، "ޖަޒުބާތީ ރޫހެއްގައި" އެތައް މެމްބަރުން ތިބިއިރުވެސް ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓަށް "ގަނޑުކޮށް" މަޖިލީހުން ރުހުން ދީފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޯލިޝަންގެ ތެރެއިން ނެރެފައި ތިބި ވަޒީރުން ގެންގުޅުމުގެ "ކެޕޭސިޓީ" ރައީސް އަބްދުﷲ ޔާމިންގެ ކިބައިގައި ހުރި ކަމަށެވެ. އަދި މަޖިލީހުގައި 21 އަހަރު މަސައްކަތްޕުޅު ކުރެއްވި ޔާމިންއަކީ މަޝްވަރާގެ އުސޫލު އަބަދުވެސް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި ވާހަކަ ދައްކަން ޖެހިއްޖެނަމަ އެކަން ވެސް އެމަނިކުފާނު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ޅަފަތުގައި ވަޒީރުންނަށް ރުހުން ނުދީ ސަރުކާރު ހިންގުމަށް ދަތިކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވަޒީރަކު އިހުމާލުވެ ފަރުވާ ކުޑަކޮށްފި ނަމަ އެ ވަޒީރަކު މަގާމުން ދުރުކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރުންނަށް މަޖިލީހުން ތަޅުމުން އަންނަ ހަފްތާގައި ވޯޓަށް އަހާނެ ކަމަށް ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވި އެވެ. ވަޒީރުންނަށް ރުހުން ދިނުމާމެދު މަޖިލީހުން އަންނަ ހަފްތާގައި ގޮތެއް ނިންމާއިރު، އެމްޑީޕީއަށް މަޖިލީހުގައި ލިބުނު ސާފު އަގުލަބިއްތު ވަނީ ގެއްލިފަ އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނާ އެކު 39 މެމްބަރުންގެ ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ލިބިފައިވަނިކޮށް، ޑީއާރްޕީގެ ލީޑާޝިޕުން ތަސްމީން ދުރަށް ޖެހިވަޑައިގެންނެވި ހިސާބުން އެމްޑީޕީ އަށް ވަނީ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ގެއްލިފަ އެވެ. ޑީއާރްޕީ ޕާލަމެންޓްރީ ގްރޫޕުގެ ނުވަ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ވަނީ އެމްޑީޕީއަށާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ ގުޅިވަޑައިގެންފަ އެވެ.