އަންނަ އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތްދޭ ސްޓޭޝަންތަކުގެ އިންފްރާސްޓްރަކްޗަރު ތަރައްގީ ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

މާލޭސިޓިގައި މަސައްކަތްކުރާ ފުލުހުންނާއި ބައްދަލުކުރައްވައި ރޭ އިސްކަންދަރު ކޮށީގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނާ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކަކާ ކުރިމަލާންޖެހޭނެކަން ފުލުހުން ގަބޫލުކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ދަތިތަކަށް ހައްލެއް ހޯދަދިނުމަށް އަންނަ އަހަރު ފުލުހުންގެ އިންފްރާސްޓްރަކްޗަރު އިތުރަށް ތަރައްގީ ކޮށް އިތުރު ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

"ސެޓޭޝަންތަކުގައި ފުލުހުން ބޭނުންކުރަމުންދާ އާލާތްތަކާއި ގިނަ ވެހިކަލްތަކެއް ވަނީ ހަލާކުވެފަ. އެހެންކަމުން ފުލުހުންގެ އިންފްރާސްޓްރަކްޗަރު އިތުރަށް ރަނގަޅުކޮށް ތަރައްގީކުރުމަށް 2014 ވަނަ އަހަރުގެ ތެރޭގައި މަސައްކަތްކުރައްވާނަން. އަދި ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން ކަމާގުޅޭ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތަކެއް ހޯދައިދިނުމަށްވެސް މަސައްކަތްކުރައްވާނަން،" ޝީޕީ ވިދާޅުވި އެވެ.

ކޮމިޝަނަރު ހުސައިން ވަހީދު ވަނީ ފުލުހުންގެ ދެމުންދާ ހިދުމަތަކީ ރައްޔިތުން އުފަލާއެކު ހިތްހަމަޖެހިތިބެ ބަލައިގަންނަ ހިދުމަތަކަށް ހައްވައިދެއްވުމަށް ހުރިހާ ފުލުހުންގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ. އެގޮތުން ރައްޔިތުންނާއި މުއާމަލާތްކުރުމުގައި ރިވެތި ބަހުރުވަ ބޭނުންކުރުމަށް ހާއްސަ ސަމާލުކަމެއްދީ ރައްޔިތުންނާއި ގުޅިގެން އެންމެން އެކުގައި މަސައްކަތްކޮށް ރައްޔިތުންނާ ވީ އެންމެ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށްވެސް ކޮމިޝަނާރު ވަނީ އެދިވަޑައިގެންފަ އެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނާއި މާފަންނު ޕޮލިސް ސްޓޭޝަނާއި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ އިތުރުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ އިންޗާޖުން ބައިވެރިވެވަޑައިގެންނެވި ރޭގެ އެ ބައްދަލުވުމުގައި މާލެ ސިޓީ ޕޮލިހުގައި މަސައްކަތްކުރާ ފުލުހުން ކޮށްފައިވާ ހާއްސަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ކޮމިޝަނާ ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.