ދައުލަތަށް ދައްކަންޖެހޭ ޓެކްސް ގަސްދުގައި ނުދައްކާ ނުވަތަ ޓެކުހަށް އޮޅުވާލުމަށް އެހީވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކެމްޕެއިނެއް ފަށައިފި އެވެ.

"ކަށިގަނޑު ފުމެލުން"ގެ ނަމުގައި މީރާއިން މިއަދު ފެށި އެ ކެމްޕޭނުގައި ޓެކުހާ ގުޅޭ ގާނޫނުތަކުގެ ދަށުން ދައްކަން ޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރާ ނުވަތަ ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އެފަދަ ކުށެއް ކުރުމަށް މީހަކަށް އެހީތެރިވެދޭ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހޯދާނެ އެވެ.

"ޓެކުހާގުޅޭ ގާނޫނުގައި ކުށްކަމުގައި ބަޔާންކޮށްފައި ވަނީ ޓެކްސް ބަޔާނެއްގައި ދޮގު މައުލޫމާތު ހިމެނުމާއި އެއްވެސް އާމްދަނީއެއް ނުވަތަ ފައިދާއެއް ޓެކްސް ބަޔާނުގައި ނުހިމަނައި ދޫކޮށްލުމާއި ގަވާއިދުތަކާއި އެއްގޮތަށް މީރާ އަށް ހިސާބުތައް ނުދެއްކުން ފަދަ އަމަލުތައް،" މީރާއިން މީޑިއާތަކަށް ފޮނުވި ލިޔުމެއްގައިވެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ވަނީ އެ ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓެކުހާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ކުށެއް އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާ ކަމަށް ޝަކުކުރެވޭނަމަ އެ މައުލޫމާތު އެފަރާތާއި ހިއްސާކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.

އެގޮތުން ޝަކުކުރެވޭ ފަރާތެއްގެ މައުލޫމާތު ހިއްސާ ކުރުމަށް މީރާގެ ވެބްސައިޓު ގައިވާ"ކަށިގަނޑު ފުމެލުން" ޕޭޖްމެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް މީރާއިން އެދިވަޑައިގަންނަވަ އެވެ. އަދި މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކުން އެ ފަރާތެއްގެ މައުލޫމާތު މީރާއަށް ދޭން ނުޖެހޭނެ ކަމަށާއި މައުލޫމާތު ދެއްވިކަމުގައިވީނަމަވެސް އެ މައުލޫމާތު ގާނޫނަކުން ލާޒިމުނުކުރާ ހިނދެއްގައި އެހެން ފަރާތަކާއި ހިއްސާ ނުކުރާނެ ކަމަށް ވެސް މީރާއިން ބުންޏެވެ.