ރުހުން ނުލިބުނު ވަޒީރުންނަކީ ރައްޔިތުންގެ އިހުސާސްތަކަށް ނުބަލައި ބޭނުންހާ ގޮތަކަށް ރައްޔިތުންނާ ދޭތެރޭގައި ކަންތައްތައް ކުރަމުން ގެންދިޔަ ބައެއް ކަމަށް ބުނަމުން  ރޭ ޑީއާރްޕީގެ ލޮރީ ބުރު ނުކުތީ މާލޭގެ މަގުތަކުގައި އުފާ ފާޅު ކުރުމަށެވެ. ރުހުންނެތް ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުންނެވެ. އުފާފާޅުކުރުމުގެ ލޮރީބުރު  މަގުތަކަށް ނުކުތްގާ ގިނަ އިރެއް ނުވެ އެކި ސަރަހައްދުތަކުން ފުލުހުންނާ ލޮރީ ބުރުގެ ބައިވެރިންނާ ދެމެދު ބަހުގެ ހަމަލާތައް ހިނގައި ޕިކަޕްބުރު މަޑުމަޑުން "ހަރު"ވަމުން ދިޔަ އެވެ. ނަމަވެސް އުފާ ފާޅުކުރަން ނުކުތް ލޮރީ ބުރު ސުލްހެވެރި ކަމާއެކު ބުރު އާޓިފިޝަލް ބީޗުން ފަށައި ޖުމްހޫރީ މައިދާނާ ހަމަށް ފޯރާވަރުވި އެވެ.


ވަޒީރުންނަށް ނިސްބަތްކޮށް ހަޖޫ ކިޔާފައިވާ ލަވަތައް ޖަހާފައިވާ ލޮރީ ބުރުގެ މަންޒަރު ބަދަލުވީ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ ޖުމްހޫރީ މައިދާނާ ހަމައިން ފުލުހުންގެ މަގު ބެއްދުމާ ގުޅިގެން ޑީއާރުޕީ މީހުންނާއި ފުލުހުންނާއި ދެމެދުގައި މައްސަލަތަކެއް އުފެދިގެނެވެ.


"އަޅުގަނޑުމެން ބޭނުންވަނީ އެނބުރި އާޓިފިޝަލް ބީޗަށް ދިއުމަށް. އެއްވެސް ތަނެއްގައި ހުޅުޖަހައި ހަމަނުޖެހުމެއް ހިންގާކަށް ބޭނުމެއް ނުވޭ. މި ހިނގާލުމަކީ ސުލްހަވެރިކަމާ އެކު ކުރިއަށްދާ ހިނގާލުމެއް. ފުލުހުން އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުން އެދެން." ޑީއާރުޕީގެ ނައިބުލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި އެހެން އިސް ވެރިން އަޑުގަދަކުރާއިން ވިދާޅުވަމުން ދިޔައެވެ. އޭރު މުޅި ސަރަހައްދުގައި ވަނީ ފުލުހުންގެ ސަފުތައް ރުކުރުވާލައިފަ އެވެ. މަގުތައް ވަނީ ބަންދުކޮށްފަ އެވެ.


ލޮރީ ބުރުގެ އިސް ސަފުން އެދުނު ގޮތަށް ފުލުހުން ފުރުސަތު ނުދިނުމުން ދެން އިވެން ފެށީ ދިހަ މިނެޓް ތެރޭގައި ތަން ނުދައްކައިފިނަމަ ފުލުހުންގެ ސަފުތައް ރޫޅައިލާ ވަދެގަންނާނެ ކަމުގެ އިންޒާރު ލޮރީ ބުރުގެ އިސް ބައިވެރިން ދޭން ފެށިތަނެވެ. ލޯރީ ބުރުގެ ބައިވެރިން ހަމައިން ނެއްޓި ވަރަށް ގިނަ ފަހަރަށް ފުލުހުންގެ ސަފުތައް ރޫޅައިލަން މަސައްކަތްކޮށްފައި ވެއެވެ. އޭގެ 10 މިނެޓް ފަހުން ފެނުނީ ކުއްލިއަކަށް ގިނަ ބަޔަކު އިސްލާމީ މަރުކަޒާ ދިމާލަށް ދުވާތަނެވެ. މީހުންނާއި އެކު ޕިކަޕުތައްވެސް އިސްލާމީ މަރުކަޒާދިމާލުން ރައީސް އޮފީހާ ދިމާލަށް ދިއުމަށް މިސްރާބު ޖެހި މަންޒަރެވެ. ނަމަވެސް އެ ގޮތުގައި އެ ސަރަހައްދުގެ އެކި ދިމާއިން ބައިގަޑިރެއްހާއިރު މަސައްކަތްކޮށްގެން ވެސް ކުރިޔަށް ދެވޭ ގޮތް ނުވުމުން ޕިކަޕު ބުރު މުޒާހަރާއަކަށް ބަދަލުވީކަން އިއުލާނު ކުރީ ޒުވާބާއި އަރައިރުމާއިއެކު ރައީސް ނަޝީދާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވަމުންނެވެ.


"އަޅުގަނޑުމެންގެ ބުރު މިހިސާބުން މި ބަދަލުވީ މުޒާހަރާއަކަށް. އަޅުގަނޑުމެން ދެން މިސްރާބުޖަހާނީ މުލިއާގޭ ދޮރާއްޓަށް" ޑީއާރުޕީގެ އަޑުގަދަކުރާތަކުން އިއުލާނު ކުރުމަށްފަހު ސަލްޓަންޕާކު ފުރަގަހުން ގޮސް ލިލީ މަގުން މުލިއާގެއާ ދިމާލަށް ދިއުމަށް އެމީހުން މިސްރާބު ޖެހި އެވެ. ނަމަވެސް ފުލުހުން ވަނީ އަމީނިއްޔާ ސްކޫލު ކަންމައްޗާއި ދާރުލް އާސާރާ ދެމުގައި ހުރަހަށް ވާގޮތަށް ލިލީ މަގު ބަންދުކޮށްފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅު މުލީއާގެއަށް ދެވޭނެ ހުރިހާ މަގެއް ވަނީ އޭރު ފުލުހުން ބަންދުކޮށްފަ އެވެ.


މުޒާހަރާއަކަށް ލޮރީ ބުރު ބަދަލުވިރު މީހުން ވަނީ ވަރަށް ގިނަ އަދަދަކަށް ޖަމާވެ އަޑުގަދަ ކުރަން ފަށާފައެވެ. މުޒަހާރާ ޗާންދަނީ މަގުން ގޮސް މަޖީދީމަގަށް ނުކުމެ ރަށްދެބައިމަގުން މުލިއާގެއާ ދިމާއަށް ދާން މަސައްކަތް ކުރިއެވެ. އެކަމަކު އެ ދިމާއިންވެސް ފުލުހުންގެ ސަފު ފޫއަޅުވާލެވޭ ގޮތް ނުވެ ޖެހުނީ އަލިކިލގެފާނު މަގަށެވެ.


މުލިއާގެއަށް ދިއުމަށް މަސައްކަތްކުރިއިރު ފުލުހުންނާއި ޑީއާރުޕީ މީހުންނާއި މެދުގައި ގިނަ ކުރިމަތިލުންތަކެއް އެކި ދިމަދިމާއިން ހިނގި އެވެ. އެ ސަރަހައްދުގެ ކުރިމަތިލުންތަކުގައި ފުލުހުން މޫނަށް ޕެޕާ ސްޕްރޭ ޖެހުމަށް ފަހު  މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެމީހާ ވަނީ ދޫކޮށްލާފަ އެވެ.


ރޭގެ ލޮރީ ބުރު މުޒާހަރާއަކަށް ބަދަލުކޮށް މަގުތަކަށް ނުކުތުމާއެކު މާލޭގެ ތެރޭގައި ޓްރެފިކް ތޮއްޖެހި ދުއްވާ އެއްޗިއްސާ މީހުން ގިނަވުމުގެ ސަބަބުން ބައެއް މީހުން ވެއްޓި ކުދިކުދި އަނިޔާތައް ލިބި، ބައެއް ފުލުހުންނަށް ވެސް ކުދިކުދި އަނިޔާތައް ލިބުނެވެ. އަދި ބައެއް ފުލުހުންގެ ޔުނިފޯމްތައް ވީދީފައި ވެއެވެ. ވެހިކަލްތަކުގެ ބަރުގޮނު އަޑާއި މުޒާހަރާ ކުރާ މީހުންގެ އަޑު ވަނީ ގުގުމާފަ އެވެ.


ރޭ ސަރުކާރާ އެއްކޮޅު ބައެއް ފަރާތްތައް ވެސް މުޒާހަރާގެ ތެރެއަށް  ވަނެވެ. އޭގެ ސަބަބުން ވެސް ހަމަނުޖެހުންތައް ހިނގާފައިވެއެވެ. އެ ގޮތުން އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ކަމަށް ބުނާ ބަޔަކު ޑީއާރްޕީގެ ޕިކަޕަކަށް އަރައިގަތުމުން ބޮޑު ހަމަނުޖެހުމަކަށް ނުދިޔައީ ކިރިޔާއެވެ. ދެ ބައިމީހުންގެ އެ ހަމަނުޖެހުން މައިތިރި ކުރީ ފުލުހުންނެވެ.


ރޭ ގާތްގަނޑަކަށް 12:00 ޖަހަން އުޅުނު އިރު އެކި ދިމަދިމާއިން މަސައްކަތްކޮށް ލޮރީ ބުރުގެ ބައިވެރިންނަށް މުލީއާގެއާ ހަމައަށް ފޯރާގޮތް ނުވުމުން އެންމެ ފަހުން ނުކުތީ ސޯސަން މަގަށެވެ. އެ ސަރަހައްދުންވެސް ކުރިއެރުމެއް ނުލިބުމުން ކާނިވަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނުކުމެ ޑީއާރުޕީ އޮފީސް ދޮރުމައްޗަށް މުޒާހަރާ ނިންމާލީ 1:00 ޖަހަން އުޅެނިކޮށެވެ.


ރޭގެ މުޒާހަރާގައި ހުރިހާ ދިމާއަކުން ވެސް ބައިވެރިންނާ ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގާފައި ވީނަމަވެސް ކަރުނަ ގޭސް ޖަހައި އިންޒާރުކޮށް މުޒާހަރާ ރޫޅައިލަން ފުލުހުން މަސައްކަތްކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ގޭސް މާސްކްތަކާއި ޝީލްޑްތައް ދޭތެރެ ދޭތެރެއިން ތައްޔާރީ ހާލަތަށް ގެނައި މަންޒަރު ފެނުނެވެ.


ފުލުހުން ވަނީ ރޭގެ މުޒާހަރާގައި ނޫސްވެރިންނަށް ބޮޑު ސަމާލު ކަމެއްދީ ފުލުހުންގެ ހިމާޔަތުގައި ނޫސްވެރިންނަށް ތިބެވޭނެ މަގު ފަހުކޮށްދީފަ އެވެ.