26 Dec 2013, 18:53
ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ ބޯޑުގެ ޗެއާމަނުނާއި ބައެއް މެމްބަރުން ވަކިކޮށް، އެ ކުންފުނިތަކަށް ޗެއާމަނުންނަށާއި ބޯޑު މެމްބަރުން އާ ބޭފުޅުން ލައްވައިފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ބޯޑު މެމްބަރުންނަށް ބަދަލު ގެނައީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް ގެނައި ބަދަލަކީ އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަނަކަށް ހުންނެވި ސ. ހިތަދޫ، އެވަގްރީން، ތޯރިގު އަލީ ލުތުފީ ވަކިކުރުމަށް ފަހު، އެ މަގާމަށް ވަނީ އަސްމާ ރަޝީދު އައްޔަން ކުރައްވާފަ އެވެ. ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން މއ. ތަރިޖެހިއާގެ، މުހައްމަދު އަފީފް ހުސައިންގެ ބަދަލުގައި އެ މަގާމަށް ވަނީ މއ. ކަނބޯގެ، މުހައްމަދު ނަދީމް އައްޔަންކޮށްފަ އެވެ. އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބޯޑުގެ ޗެއާމަން ސ. ހުޅުދޫ، ނޫރީގެ، އަހުމަދު ޝަރީފު ވަކިކޮށް، އެ މަގާމު ވަނީ މއ. ތަރިޖެހިއާގެ، މުހައްމަދު އަފީފް ހުސައިނަށް ދެއްވަވާފަ އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)ގެ ބޯޑުން ވަނީ ފަސް މެމްބަރަކު ވަކިކޮށްފަ އެވެ. އޭގެ ބަދަލުގައި ހަތަރު ބޭފުޅަކު ވަނީ އެ ބޯޑަށް އައްޔަންކޮށްފަ އެވެ. އެގޮތުން އެމްޓީސީސީގެ ބޯޑުގެ ޗެއާޕާސަން މ. އާސްތާނާ، އާމިނަތު އާތިފާ ވަކިކުރައްވައި ބޯޑުގެ މެނޭޖިން ޑިރެކްރަކަށް ވަނީ މއ. ތަނޑިނޫމާގެ އަހުމަދު ޝިހާމް އަލީ އައްޔަންކޮށްފަ އެވެ.
އެމްޓީސީސީ ބޯޑުގެ މެމްބަރު ކަމުން ވަކިކުރި އަނެއް ހަތަރު ބޭފުޅުންނަކީ ހ. ކީރަންމާގެ މުހައްމަދު އަލީ އާއި ސ. މަރަދޫ، ޒިކުރާ، އިމްރާން ވަޖުދީ އާއި ހ. އޯކިޑް އިހްސާން ޝަރީފާއި ސ. ހިތަދޫ، އަތަމާގެ މުހައްމަދު ނަބީލެވެ.
އެ ބޯޑަށް މެމްބަރުންގެ ގޮތުގައި އަލުން ލެއްވި ތިން ބޭފުޅުންނަކީ ލ. ގަން، މުކުރިމަގު، ނޫވިލާގެ، މޫސާ ނަސީމާއި ސ. ހުޅުދޫ، މެސްޓްމީޑް، އަހުމަދު އަޒްމީލާއި ހުސައިން ސާލިމް މުހައްމަދެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނީޓާކޮށް އިވެލިއުއޭޓް ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރަންޖެހޭ ބޭފުޅުން އައްޔަން ކުރުމުގެ ބާރު ދީފައި ވަނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕްރައިވަޓައިޒޭޝަން ބޯޑަށެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.