26 Dec 2013, 17:58
ރައްޔިތުން މަޖިލީހުގެ ދާއިރާތަކުގެ ފައިނަލް ރިޕޯޓުގައި ހުޅުމާލެ އާއި ވިލިމާލެ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނިކޮށް، ހުޅުހެންވޭރު ދާއިރާ އާއި ވިލިމާފަންނު ދާއިރާ އުވާ ނުލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ގެޒެޓްކުރި މަޖިލީހުގެ ދާއިރާތަކުގެ ރިޕޯޓުގައި ވަނީ ހުޅުހެންވޭރާއި ވިލިމާފަންނު ދާއިރާ އުވާލުމަށްފަހު ވަކި ދެ އަވަށެއްގެ ގޮތުގައި އޮތް ހުޅުމާލެ އާއި ވިލިމާލެއަކީ ވަކި ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
ހުޅުހެންވޭރާއި ވިލިމާފަންނު ދާއިރާ އުވާ ނުލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމެޓީން ހުށަހެޅި ރިކޮމަންޑޭޝަންތަކެއްގެ މައްޗަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން މިއަދު "ސަން"އަށް ވިދާޅުވީ ހުޅުހެންވޭރާއި ވިލިމާފަންނު އުވާނުލުމަށް ނިންމުމާ ގުޅިގެން ގެޒެޓް ކުރި މަޖިލީހުގެ ދާއިރާތަކުގެ ފައިނަލް ރިޕޯޓަށް ބަދަލު ގެންނާނެ ކަމަށެވެ.
"މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާ ވެސް މަޝްވަރާކޮށްފައި، މާލެ ދާއިރާތަކުގެ މެމްބަރުންނާ ވެސް މަޝްވަރާކޮށްފައި އުވާލާފައިވާ ހުޅުހެންވޭރާއި ވިލިމާފަންނު ވެސް އަލުން އުފައްދަން މި ނިންމީ. ވީހާ ވެސް ބޮޑަކަށް ދަފްތަރުގައި ތިބި މީހުން މާލޭގެ ދާއިރާތަކަށް ބެހޭ ގޮތައް ބަދަލު ގެންނަން މި ނިންމީ،" އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ގެޒެޓްކުރި މަޖިލީހުގެ ދާއިރާތަކުގެ ރިޕޯޓުގައި ބުނެފައި ވަނި ހުޅުމާލެއާއި ވިލިމާލެ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅީ މި ބަދަލާ އެކު މާލޭގެ މެންބަރުންގެ އަދަދު 11 އިން 13 އަށް އިތުރުވެގެންދާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ހުޅުމާލެ ދާއިރާ އާއި ވިލިމާލެ ދާއިރާ ވަކި ދެ ދާއިރާ ގޮތުގައި ކަނޑައަޅާފައި މުސްތަގުބަލުގައި މީހުން އާބާދުކުރުމުގެ ފުރުސަތު ބޮޑު ދެ ދާއިރާއަކީ އެއީ ކަމަށްވާތީ ކަމަށެވެ. އަދި ދަފްތަރުގައި ހިމެނޭ ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް އެ ދެ ދާއިރާއިން ބޯހިޔާ ވަހިކަން ހޯދަމުން އަންނަ ކަމަށާއި މާލޭ ދަފްތަރުގައި ޖައްސާފައިވާ މީހުން އިންތިހާބީ ދާއިރާތަކަށް ބަހާލާފައި ވަނީ އިންތިހާބީ ދާއިރާތައް އެންމެ ހަމަހަމަ ވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.