ފައުލް ކޮލެރާ ނަމަކަށް ކިޔާ ބަޔެއް ޖެހިގެން 10 ދުވަސް ތެރޭ ތ. ގާދިއްފުށީގައި 242 ކުކުޅު މަރުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން ބުނީ، 242 ކުކުޅު މަރުވެފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެކުކުޅުތަކަށް ފައުލް ކޮލެރާ ބަލިޖެހުނު ކަން އެނގުނީ ބަލިޖެފައިވާ ކުކުޅެއްގެ ޕޯސްޓު މޯޓަމް ހެދުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

"ގާދިއްފުށީގައި ގިނަ އަދަދެއްގެ ކުކުޅުތަކެއް ކުއްލިއަކަށް މަރުވާތީ މިނިސްޓްރީއަށް އެންގުމުން މިހާތަނަށް ބެލިބެލުމުން އެއީ ފައުލް ކޮލެރާ ނަމަކަށް ކިޔާ ބައްޔެއްގެ ސަބަބުން ކަމަށް ވަނީ ބެލެވިފަ އެވެ. މިގޮތައް ނިންމީ ކުކުޅުން ފެންނަ އަލާމާތްތަކާއި ބަލިޖެހިފައިވާ ކުކުޅުގެ ޕޯސްޓުމޯޓަމް ހެދުމަށްފަހު އެވެ. މިއީ އެބަލިކަން ކަށަވަރު ކުރުމަށް ބަލިޖެހިފަވާ ކުކުޅުގެ ސާމްޕަލް ބޭރަށް ފޮނުވައިގެން ޓެސްޓުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ،" މީޑިއާތަކަށް މިނިސްޓްރީން ފޮނުވި ލިޔުމެއްގައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެ އިދާރާގެ ޗީފް ވެޓެރިނޭރިއަން ބެލިބެލުމުން މިއީ ދޫނިރޯގާ އަދި ނިއުކާސްޓަލް ބަލިނޫންކަން ވަނީ ކަށަވަރުވެފަ އެވެ. ކުކުޅުތަކަށް ޖެހުނު ފައުލް ކޮލެރާއަކީ އިންސާނުންނަށް ނުރައްކާތެރި ބައްޔެއްނޫނެވެ.

ކުކުޅުތަކަށް ޖެހުނު ބަލި ދެނެގަތުމަށް ހާއްސަ ކަމެއް ދިނީ ދޫނި ރޯގާ ނުވަތަ ނިއުކާސްޓްލް ބަލިފަދަ ޖަނަވާރުގެ ފަރާތުން އިންސާނުންނަށް ޖެހިދާނެ ބަލިހުރެދާނެތީ ކަމަށާއި އެހާ ގިނަ އަދަދަކަށް ކުކުޅު މަރުވާ ކަމަށް ރިޕޯޓް ކުރުމުން ނުރައްކާތެރި ދޫނި ރޯގާ އަކަށް ވެދާނެތީ ކަމަށް މިނިސްޓުރީން ބުންޏެވެ.

މިނިސްޓުރީން ބުނި ގޮތުގައި ގާދިއްފުށީގައި އެ ބަލި ފެތުރެން ދިމާވި ސަބަބަކީ ހިޖުރަކުރާ ދޫނީގެ އެ ބަލި ހުރުމުގެ ސަބަބުން ރަށުތެރެއަށް ދޫކޮށްލާފައި ހުންނަ ދޫންޏާއި ވަލު ދޫންޏާއި އެއްކޮށް ގައިގޯޅިވެ އުޅުމުގެ ސަބަބުންނެވެ.

"ދޫންޏަށް މި ބަލި ޖެހިފައި ހުރި ނަމަވެސް އެދޫނިން މިބަލީގެ އަލާމާތްތައް ނުފެނުން ވެސް އެކަށީގެންވެ އެވެ. ނަމަވެސް ގޭގައި ގެންގުޅޭ ދޫނިތަކަށް ނުވަތަ ކޮށީގައި ހުންނަ ދޫންޏަށް މިބަލި ޖެހުމުން މީގެ ނުރައްކާތެރި ވައްތަރަށް ބަދަލުވެ ގިނަ އަދަދެއްގެ ދޫނި ކުއްލިއަކަށް މަރުވެ އެވެ،" މިނިސްޓްރީ އޮފް ފިސަރީޒް އެންޑް އެގްރިކަލްޗާއިން ބުންޏެވެ.

ފައުލް ކޮލެރާ ފެތުރެން ދިމާވާ ސަބަބަކީ އެއްދޫން އަނެއް ދޫންޏާ ގައިގޯޅިވެ އުޅުމާއި އަނގައިން ފައިބާފައި ހުންނަ ކުޅު އެހެން ދޫނިތަކަށް ވާރުތަ ވުމާއި ކެސްސުމާއި ކިބިހި އެޅުމުގެ ތެރޭގައި ދޫނިތަކަށް އެބަލި ވާރުތަވުމެވެ. އެބަލި ޖެހުމުން ފެންނާނެ އަލާމާތް ތަކަކީ އަނގައިން ދަވަ ފޭބުމާއި މޫނު ދުޅަވެ، ނޫވެފައި ހުރުމާއި ރަނގަޅަށް ނުކެއުމާއި ބޭރަށް ހިންގުމާއި ދޫނީގެ ފަތްތައް ހޭވިފައި ހުރުމެވެ. އަދި އެބަލިޖެހިފައި ހުންނަ ދޫނިތައް ވަރުބަލިވެފައި ހުރުމާއި ރަނގަޅަށް ނުކެވުމާއި ހުޅުތައް ދޮޅަވެފައި ހުރުމެވެ.