26 Dec 2013, 17:04
އިންސާނީ ހައްގުތަކާ ގުޅޭ، 661 މައްސަލައެއް މި އަހަރުގެ ތެރޭގައި އާންމުގެ ފަރާތުން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑްވިސް (އެޗްއާރުސީމް) އަށް ހުށަހަޅައިފި އެވެ.
އެޗްއާރުސީމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް އަޒުރާ ވިދާޅުވީ މި އަހަރުގެ ތެރޭގައި މިހާތަނަށް އާންމުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކުގެ އިތުރުން އެ ކޮމިޝަނުން އިސްނަގައިގެން 39 މައްސަލައެއް ބަލަމުންދާ ކަމަށެވެ. އަޒްރާ ވިދާޅުވީ ޖުމްލަ 690 މައްސަލައެއް އެ ކޮމިޝަނުން ބަލަންފެށި އިރު އޭގެ ތެރެއިން 329 މައްސަލައެއް ނިމިފައިވާ ކަމަށެވެ.
އެޗްއާރުސީއެމްގެ މެންބަރު އަހްމަދު އަބްދުއްކަރީމް ވިދާޅުވީ މި އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ހުށަހަޅާފައި ވަނީ އެކަށީގެންވާ ސިއްހީ ހިދުމަތް ނުލިބޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ. އެގޮތުން 125 މައްސަލައެއް ސިއްހީ ހިދުމަތްތައް ދިނުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ އިރު ގިނަ ގައިދީންތަކެއްގެ ފަރާތުން އެފަދަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އަބްދުލްކަރީމް ވިދާޅުވި އެވެ.
"އޭގެ އިތުރުން ހުރޭ ހޮސްޕިޓަލުތަކުގައި ފަރުވާދިނުމުގެ ތެރޭގައި ޑޮކްޓަރުގެ އިހްމާލުން ލިބޭ ގެއްލުންތަކުގެ މައްސަލަތައް ވެސް،" ކަރީމް ވިދާޅުވި އެވެ.
ކަރީމް ވިދާޅުވީ ސިއްހީ ހިދުމަތްތައް ދިނުމާ ބެހޭ ގާނޫނެއް ނެތުމުމަކީ އެފަދަ ސިއްހީ ހިދުމަތްތައް ދިނުމަށް ދިމާވެފައިވާ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ.
އޭގެ އިތުރުން ބިދޭސީނަށް ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކާއި ރިސޯޓްތަކުގައި އުޅޭ ދިވެހިންނާއި ބިދޭސީނާ ދެމެދު ތަފާތުކުރުން ގެންގުޅޭ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ.