26 Dec 2013, 16:47
މިދިޔަ ހޯމަދުވަހުގެރޭ އިގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް، ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު، ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި ނިމިފައިވާއިރު އާސެނަލްގެ ސަޕޯޓަރުން ޗެލްސީއާ ދިމާއަށް "ފޫހި ކުޅުމެއް ކުޅޭ ބައެކޭ" ގޮވައި ދިމާކޮށްފައިވާތީ އެކަމަށް ރައްދުދީ ފޫހިކޮށް ކުޅުނީ އާސެނަލް އިން ކަމަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
އެ މެޗާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޗެލްސީގެ ކޯޗު ބުނީ، އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އާސީން ވެންގާގެ ޓީމުން ކުޅުނު އެމެޗުގައި ޗެލްސީގެ ގޯލަށް ނުރައްކާވާގޮތަށް އާސެނަލްއަށް އެންމެ ހަމަލާއެއް ވެސް އުފެއްދިފައި ނުވާކަމަށެވެ.
"އަހަންނަށް ހީވަނީ ފޫހި ކުޅުމަކަށް ވާނީ ޓީމެއްގެ އަމިއްލަ ދަނޑުގައި ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ރަނގަޅު ހަމަލާއެއް ނުއުފެއްދި ލަނޑެއް ކާމިޔާބު ނުރެވުން ހެން. އެއީ ފޫހި ކުޅުމަކީ،" މޮރީނިއޯ ބުންޏެވެ. "ބަޔަކު ފޫހި ކަމަށް ބުނާނަމަ އެމީހުންނަކީ ފޫހި ބަޔަކީ. އެއީ ޗެލްސީގެ ކީޕަރު ޕެޓާ ޗެކް އެ މެޗުގައި އެންމެ ބޯޅައެއްވެސް ދިފާއުކުރަން ނުޖެހުނު."
މޮރީނިއޯ ބުނީ ގަދަ ފިނީގައި ވެހެމުން ދިޔަ ވާރޭގައި އަމިއްލަ ދަނޑުގައި ޓީމު ކުޅޭ މެޗުބަލަން ގޮސްތިބި ސަޕޯޓަރުން ބޭނުންވާނީ އެމީހުންގެ ޓީމު ލަނޑު ޖަހައި މޮޅުވުން ކަމަށާއި އެހެން ނަމަވެސް އާސެނަލްއަށް އެ ޓީމުގެ ސަޕޯޓަރުންގެ އުއްމީދު ފުރިހަމަކޮށް ނުދެވުމުން މާޔޫސްވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ.
މޮރީނިއޯ އިތުރަށް ބުނީ އާސެނަލްގެ ސަޕޯޓަރުން މާޔޫސް ވާންޖެހުނީ ޗެލްސީ ކުޅުނު ކުޅުމުން ކަމަށް ނުބުނެވޭނެ ކަމަށާއި އެހެން ނަމަވެސް އާސެނަލްއަށް އެމެޗުގައި ނުކުޅެވުން އެއީ ސަޕޯޓަރުން މާޔޫސްވާ ޖެހުނު ސަބަބު ކަމަށެވެ.