މަނާކޮށްފައިވާ ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެމިނިސްޓްރީން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހޮޓާ، ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނުގައި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ފުޅާދާއިރާއެއްގައި ކުރާ ކަމުގެ ޝަކުވާ އެ އެޖެންސީ އަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ހަރަކާތްތައް އާންމުކޮށް ހިންގަމުން ގެންދަނީ ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކާ އާންމު ވިޔަފާރިތަކާ ގުޅިގެން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ބައެއް ފަހަރަށް އެފަދަ ހަރަކާތްތައް ހިންގަނީ ޑިސްޓްރިބިއުޓަރުން، އާންމު ވިޔަފާރި ކުރާ ފަރާތްތަކަށް އޮޅުވާލައިގެން ކަމަށެވެ.

ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނު ބުނާ ގޮތުން ދުންފަތުގެ ބާވަތެއް އިޝްތިހާރުކުރުން ނުވަތަ ސްޕޮންސާކޮށް ޕްރޮމޯޓު ކުރުމުގެ ހަރަކާތެއް ހިންގުން ނުވަތަ އެއިން ކަމެއް އިންތިޒާމެއްކޮށް އެކަމުގައި ބައިވެރިވުމަކީ މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތެއްގެ ނަމެއް، ކުރެހުމެއް، ތަސްވީރެއް، ޝިޢާރެއް ނުވަތަ އެއިން ބާވަތެއްގެ އެއްޗެއް އާންމުންނަށް ފެންނާނެހެން ބެހެއްޓުމަކީ ވެސް މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތްތަކުގެ ފޮށި ނުވަތަ ކާޓަން މަގުމަތިން ހިނގައިބިނގާވެ އުޅޭ މީހުންނަށް ފެންނާނެހެން ބެހެއްޓުމަކީ ވެސް ގާނޫނު ބުނާގޮތުން މަނާ ކަމެކެވެ.

އެ އެޖެންސީން ބުނީ ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް ޕްރޮމޯޓު ކުރުމުގެ ގޮތުން ކުރާ ކަންކަމަކީ ގާނޫނީ ގޮތުން މަނާ ކަންކަންކަމަށާއި އެފަދަ ކަންކަމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެއްޖެ ނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުއަޅާނެ ކަމަށެވެ.