ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭން ފެށި ދެވަނަ ކުންފުނި "އުރީދޫ" މޯލްޑިވްސް އިން ރާއްޖޭގެ އިތުރު ރަށްތަކަކަށް 3ޖީ ޕްލަސް ނެޓްވޯކް ތައާރަފްކޮށްފި އެވެ.

އުރީދޫގެ އެންމެ ފުރަތަމަ މަސައްކަތުގެ ދަށުން، އުރީދޫ ބްރޭންޑް ތައާރަފްކުރި ހަފްލާގައި ވަނީ އަށް ރަށަކަށް 3ޖީ ޕުލަސް ތާރަފްކޮށްފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން 28 ރަށަކަށް 3ޖީ ޕްލަސް ތައާރަފް ކުރާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، 3ޖީ ޕުލަސް ނެޓްވޯކު މިއަދު ރާއްޖޭގެ 166 ރަށަށް ލިބޭ އިރު، އޭގެ ތެރެއިން އަލަށް 3ޖީ ޕްލަސްގެ ނެޓްވޯކު ތައާރަފްކޮށްފައި ވަނީ 13 ރަށަކަށެވެ. އެ ރަށްތަކަކީ ކ. ގާފަރާއި ރ. ވާދޫ އާއި ކ. ހުރާ އާއި ދ. ހުޅުދެލި އާއި ށ. ފޯކައިދޫ އާއި މ. ދިއްގަރާއި ރ. މާކުރަތާއި ކ. ގުރައިދޫ އާއި މ. މުލި އާއި ނ. މަނަދޫ އާއި ތ. ވޭމަންޑޫ އާއި ތ. ގުރައިދޫ އަދި ލ. ގަމު ތުނޑި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އެ ކުންފުނީގެ ވައުދަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 84 ޕަސެންޓަށް 3ޖީ ޕްލަސް ނެޓުވޯކް ދިނުމަށް ފަހު ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމަށެވެ.

އުރީދޫ އިން ވަނީ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސް އައު ވެބްސައިޓު މެދުވެރިކޮށް އެކައުންޓް މެނޭޖު ކުރެވޭނެހެން ބަދަލު ގެނެސް އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓާ ވެސް ރަސްމީކޮށް ހުޅުވައިފަ އެވެ. އެ ސެންޓަރު ހުޅުވައިފައި ވަނީ މާލޭ މަޖީދީމަގުގައި ކުރިން ވެސް ވަތަނިއްޔާގެ ފިހާރަ ހުރި ހ. ޝަބްނަމް ބިލްޑިންގަ އެވެ.