26 Dec 2013, 15:16
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހަތަރު ކުދީންގެ މައްޗަށް ހުކުމް އިއްވުން ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހަށް ތާވަލްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުންނާއި ދައުވާ ލިބޭ ފަރާތްތަކުން ޚުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ. އެހެންކަމުން މިއަދު އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިމިފައި ވާތީ ފެބްރުއަރީ ހަ ވަނަ ދުވަހު ހުކުމް ކުރުމަށް ތާވަލް ކޮށްފައިވާ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
"މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހެޅުން. ދެން އޮންނާނީ އެ މައްސަލާގައި ޝަރީއަތުން ކަނޑައަޅާ ހުކުމް އިއްވުން. ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ތާވަލްކޮށްފައި ވަނީ 2014 ފެބްރުއަރީ ހަ ވަނަ ދުވަހަށް،" ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އުމުރުން 18 އަހަރު ފުރިފައިވާ އެ ހަތަރު ކުދީންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް ވަނީ ނަގާފަ އެވެ. އަދި ދައުވާގައި ބުނެފައިވާ ފަދަ ޓެރަރިޒަމްގެ އަމަލެއް ނުހިންގާ ކަމަށް ބުނެ އެކަން ސާބިތުކުރުމަށް އެ ހަތަރު ކުދީން ހުށަހެޅި ހެކީންގެ ހެކިބަސް ވެސް ވަނީ ނަގާފަ އެވެ.
އެ ހަތަރު ކުދީންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރު 4:30 އާއި ރޭގަނޑު 8:30 އާ ދެމެދުގެ ވަގުތެއްގައި ތިނަދޫ ޕޮލިސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސްޓޭޝަންގެ އިމާރާތަށާއި މުދަލަށް އެހަތަރު ކުދީން ގެއްލުންދީފައިވާ ކަމަށެވެ.
ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖަހައި އަންދާލާފައިވާ އިރު އެތަނުގައި ބޭނުންކުރަމުން ދިޔަ އެންމެހައި ވެހިކަލްތަކުގައި ވެސް ބަޔަކު ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.
އެ ހަތަރު ކުދިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ.
އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުންކަމަށެވެ.
ގާނޫނުގައި އެ އަދަބު ކަނޑައަޅާފައި އޮތްނަމަވެސް ދައުވާ ސާބިތުވެއްޖެ ނަމަ އެ ކުދިންނަށް އަންނާނީ އެއަށް ވުރެ ކުޑަ އަދަބެކެވެ. އެއީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ކުޑަކުދިން ކުރާ ކުށްތަކަށް ދޭންޖެހޭނީ އެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ބުނެފައިވާތީ އެވެ.
ފެބްރުވަރީ އަށްވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެ ރަށުގައި ހުންނަ ގދ. އަތޮޅު ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 89 މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ މީހުންގެ ތެރޭގައި ކައުންސިލަރުންނާއި ސިވިލްސާވަންޓުންގެ ގޮތުގައި ވަޒީފާ އަދާކުރާ ބައެއް މީހުން ވެސް ހިމެނެ އެވެ.