ގައުމުގެ ސިޔާސަތުތައް މިއަދު ބައްޓަން ކުރަމުންދާ ގޮތުން އަންނަން އޮތް ޖީލުތަކުގެ ހައްގުތަކަށް އަރައިގަނެވެމުން އަންނަ ކަމަށް ރާއްޖޭގައި ފުރަތަމަ ގާއިމު ކުރި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު މުހަންމަދު ވަހީއްދުއްދީން ވިދާޅުވެއްޖެ އެވެ.


އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސޮސައިޓީ ކުރިއެރުވުމަށް ބޮޑު މަސައްކަތްތަކެއް ކުރައްވާ، ބަނޑޮސް ރިސޯޓުގެ ވެރިޔާ ވަހީދުއްދީން ވިދާޅުވީ ރާއްޖޭގެ ރަށްތަކާއި އިމާރާތްތައް ބިނާކުރާ އިރު ރައްޔިތުންނަށް އެކަށޭނަ މާހައުލެއް ހޯދައިދޭން ޖެހޭ ކަމަށާއި ސަރުކާރުން ހިންގާ މަޝްރޫއުތައް ވެސް ދެމެހެއްޓެނިވި އުސޫލެއްގެ މަތީން ކުރިއަށް ނުގެންދެވޭ ނަމަ އަންނަން އޮތް ޖީލުތަކުގެ ހައްގުތައް ގެއްލޭނެ ކަމަށެވެ.


"އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކިހިނެއްތޯ އެންމެ ހައްގުގޮތުގައި އެންމެންނަށް ކަންކަން ކޮށްދެވޭނީ... މިއަދު ހުރިހާ ފަޅުރަށްތަކެއް، ފިނޮޅުތަކެއް އަގުތަކެއް ކިޔާފައި ނީލަން ކިޔަންވީތޯ. މާދަމާ އަންނަ ދަރިންނަށް މިކަމުން ކޮން ފައިދާތަކެއްތޯ ކުރާނީ، އަޅުގަނޑުމެން ވިސްނާކަށް ނުވޭތޯ، އަންނަން އޮތް ބަޔެއްގެ ތަރިކައެއް އަޅުގަނޑުމެން އެޑްވާންސަށް ފައިސާ ނަގާފައި މި ވިއްކާލަނީ." ޓޫރިސްޓް ރިސޯޓްތައް ތަރައްގީ ކުރުމަށް ކުރިއަށް ފައިސާ ނަގުމަށް ފަހު ދޫކުރާ ރަށްތަކާ ބެހޭ ގޮތުން ވަހީދުއްދީން ވިދާޅުވި އެވެ.


ވަހީދުއްދީން ވިދާޅުވީ ވެރިކަން ބަދަލުވެ، ވަކި ސިޔާސީ ޕާޓީއަކުން ވެރިކަން ކުރަން ފެށުން އެއީ ގައުމަކަށް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކެއް ލިބުން ނޫން ކަމަށާއި އިޖުތިމާއީ ރައްކާތެރިކަމާއި ހަމަހަމަ ކަމުގެ ހައްގުން ރައްޔިތުން މިއަދު މަހުރޫމްވެފައިވާ ކަމަށާއި އަދި އެއީ ދިވެހިން ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.


"ފިހާރައިން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ ހިފައިގެން ގެއަށް އަންނަ މަގުމަތީގައި ކިތައް މީހުންގެ ފުރާނަތޯ ގެއްލިފައި ވަނީ. މިކަންތައްތައް ކޮންޓްރޯލްކޮށް، ގާނޫނު ތަންފީޒުކޮށް [އެކަން ކުރާ] މީހުންނަށް އަދަބުދީ މިކަންތައް ކުރުން އެއީ ދިވެހި ރައްޔިތަކަށް ލިބިގެން ނުވާ ހައްގެއްތޯ،" ވަހީދުއްދީން ސުވާލު ކުރެއްވި އެވެ.


ސިޔާސީ ގޮތުން ވާހަކަ ދެއްކުމުގައި ވެސް މިއަދު ދިވެހިން ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށާއި މިއަދު ދިވެހިންނަށް ލިބިފައިވާ ސިޔާސީ މިނިވަންކަން ނާޖާއިޒު ގޮތުގައި ނުހިފުމަށް ވަހީދުއްދީން އިލްތިމާސް ކުރެއްވި އެވެ.


"ރައީސް އަށް މުހާތަބު ކުރަނީ ވެސް ބޭނުން ނަމަކުން. މިއީތޯ ސިޔާސީ މިނިވަން ކަމަކީ. ބަޔަކު ޖަލަށްލާފައި އަނިޔާ ނުކުރުމީ ސިޔާސީ މިނިވަންކަން ލިބުނީތޯ،" ވަހީދުއްދީން ސުވާލު ކުރެއްވި އެވެ.


އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޑުރަގުގެ ވަބާ އާއި ރޭޕް ކުރުން ފަދަ އިންސާނީ ބަލިމަޑުކަން އުފެދިގެން އަންނަނީ ފަގީރުންނާއި މުއްސަދިންގެ ދެމެދުގައި އޮންނަ ފަރަގު ބޮޑުވެގެން ކަމަށާއި ރާއްޖޭގެ ރައްޔިތުން ވިޔަފާރީގެ ގޮތުން ކުރިއަށް ދިއުމަށް ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ. 


ވަހީއްދުއްދީން ވިދާޅުވީ ދިވެގހި މުޖުތަމައުގައި ނުކުޅެދުންތެރިންނަށް ލިބެން ޖެހޭ އެތަކެއް ހައްގުތަކަކުން އެ ބައިމީހުން މަހުރޫމްކުރެވިފައިވާ ކަމަށާއި އިމާރާތްތަކާއި ގޯތި ގެދޮރު ބިނާކުރުމުގައި އާންމު ރައްޔިތުންނެކޭ އެއްފަދައިން އެފަދަ މީހުންނަށް ވެސް ދިރިއުޅުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ބާރުތަކެއް ކަށަވަރުކޮށްދޭ އިންތިހާބެއްކަން ފާހަގަ ކުރަމުން ވަހީދުއްދީން ވިދާޅުވީ އެއްވެސް މީހަކު ވޯޓު ވިއްކާލުމަކީ މުޅި މުޖުތައަމައުގެ ހައްގަށް އަރައިގަތުން ކަމަށާއި ތިމާ އަމިއްލަ އިހުތިޔާރުގައި ތިމާއަށް ފެންނަ އެންމެ ރަނގަޅު މީހަކަށް ވޯޓު ދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ.


"ހާލަތު ބަދަލު ކުރުމަށް ތިން ފަހަރެއްގެ މަތިން ރައްޔިތުންނަށް ފުރުސަތު އެބަދޭ. ތިރިން މައްޗަށް ބާރު ފޯރުވުމުގެ ހައްގު އޮތީ ލިބިފައި. ތިޔަ ބޭފުޅުން އަމިއްލައަށް އެންމެ ގާބިލު ބޭފުޅާއަށް ވޯޓު ދެއްވާށޭ[ އަޅުގަނޑު ދަންނަވާނީ]،" ވަހީދުއްދީން ވިދާޅުވި އެވެ.


 މާޒީގެ އިންސާނީ ހައްގުތަކުގެ މައްޗަށް ބައްލަވައި ލައްވަމުން ވަހީދުއްދީން ވިދާޅުވީ އެތައް ކުށްވެރިންނަކަށް ވަނީ ޖަލުތަކުގައި އަނިޔާ ލިބިފައި ކަމަށާއި ހުދު އެ މަނިކުފާނުގެ ލޯފުޅުން އެ މަންޒަރުތައް ދެކެވަޑައިގެންނެވި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ގައުމުގައި އެފަދަ ލާއިންސާނީ އަމަލުތައް ތަކުރާރުވިޔަ ދިނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ވަހިއްދީން ވިދާޅުވި އެވެ.


"ރާއްޖޭގައި އެބަހުއްޓޭ އަޅުގަނޑުމެން ބޭނުން ނުވާ ދަރަޖައަށް އަނިޔާކޮށްފައި. ރޭގަނޑު ދަންވަރު ދޭއްޖަހައި ތިނެއް ހަތަރެއް ޖެހީމާ އެ ޖެހުނީ މޫދަށް އެރޭ ގަނޑި. ދެން ލާންވީ މޫދަށް. އެންމެ ހެދުމެއް ގައިގައި ނެތަސް އެންމެ ރަނގަޅު. މޫދުގައި އޮންނަންވީ އެމީހުން ބުނިހާ ހިނދަކު. ނައުޝާދު އެއީ އެކަކު. ކައްދައިދީގެ އަހަންމައިދީ އެއީ އެކަކު. މަޝްހޫރު ސަންދާން އަހަންމައިދީ އެއީ އެކަކު. އަޅުގަނޑުމެން އަދި ހަނދާނަކުން އަދި ނުނެތޭ ހީރާ ރަޝީދުގެ މަރު. ސިއްކަގޭ ނަސީމު ކަރުތާފެނުގައި ވިލިނގިލީ މޫދުގައި ހުރި ހަނދާން. ދެން އެފަދަ ދުވަހެއް ދިވެހި ރާއްޖޭގައި އައިސްގެން ނުވާނެ،" ވޭތުވެ ދިޔަ ދެ ވެރިކަމަށް އިޝާރާތް ކުރައްވައި ވަހިއްދީން ވިދާޅުވި އެވެ.