ފަހަކަށް އައިސް ތުއްތު ކުދިންނަށް ޓެބްލެޓް ފަދަ އެއްޗެހި ގަނެދިނުން ދަނީ އިތުރުވަމުންނެވެ. ތުއްތު ދަރިފުޅުގެ އަތަށް ޓެބްލެޓެއް ދީގެން ކާންދޭން އިންނަ މަންޒަރަކީ ފަހަކަށް އައިސް އާއްމުކޮށް ފެންނަ މަންޒަރެކެވެ.

އަދި މަންމަ ކައި ނިމެންދެން ކުއްޖާ މައިތިރިވެގެން އެއް ތަނެއްގައި އިނުމުން ލިބޭ ފަސޭހައިގެ އިތުރުން ގިނަ މައިންބަފައިން ދެކޭ ގޮތުގައި ކުޑަކުދިންނަށް ހާއްސަކޮށް ފަރުމާކޮށްފައި ހުންނަ އެޕްލިކޭޝަންތައް ކުޅެން ދިނުމުން ކުދިންގެ ތޫނުފިލިކަން އިތުރު ވެއެވެ. ނަމަވެސް މާހިރުން މިކަމާ މެދު ދެކޭ ގޮތް ތަފާތެވެ.

ގިނަ މާހިރުން ބުނާގޮތުގައި ޓީވީ ބަލައިގެން ނުވަތަ ޓެބްލެޓުގައި ހުންނަ އެޕްލިކޭޝަންތައް ދެއްކުމަކީ ތުއްތު ކުދިންގެ ހެދި ބޮޑުވުމަށް ފައިދާތަކެއް ލިބޭ ކަމެއް ކަމުގައި އެއްވެސް ދިރާސާއަކުން ފެންނާކަށް ނެތެވެ. އަދި މި ފަދަ ޕްރޮގްރާމްތަކާ އެޕްލިކޭޝަންތަކުގައި އެއް އަހަރާ ދެ އަހަރުގެ ކުދިންނަށް ތައުލީމެއް އުނގަންނައިދިނުމުގެ ގާބިލުކަމެއް ވެސް ނުހުންނާނެއެވެ.

ގަބޫލުކުރެވިފައިވާ ގޮތާ ހަގީގަތް މުޅިން ހިލާފެވެ. މާހިރުން ބުނާ ގޮތުގައި ޓީވީ ނުވަތަ ޓެބްލެޓް ފަދަ އެއްޗެއްސަށް ކުދިންގެ ސަމާލުކަން ތަތްކޮށްލާފައި ބޭތިއްބުމަކީ އެކުދިންގެ ހެދި ބޮޑުވުމަށް އެޅޭ ހުރަހެކެވެ. އެހެނީ، ކުއްޖާގެ ސިކުނޑި ހެދިބޮޑުވުމަށް ބާރުއަޅާ ހަރަކާތްތައް، މިސާލަކަށް ކުޅޭ ބްލޮކް ފަދަ ތަކެތިން އެއްޗެހި ރާވާ، ބޮޑެތި މީހުންނާ ވާހަކަ ދައްކާ ހެދުން ފަދަ ކަންތައްތަކުން ކުއްޖާ މަހުރޫމުކުރުވައެވެ.

މާހިރުން ބުނާގޮތުގައި ޓެބްލެޓާއި ޓީވީ ފަދަ އެއްޗެހި މާ ގިނައިން ބޭނުންކުރުމުން ތުއްތު ކުދިންގެ އިތުރުން ފުރާވަރަށް އަޅަމުން އަންނަ ކުދިންގެ ހެދި ބޮޑުވުމަށް ވެސް އަސަރުތަކެއް ކުރެއެވެ. އެގޮތުން އާއްމުންގެ ތެރޭގައި އެކުދިންނަށް އުޅެން ދަސްވުމަށް ހުރަސްތައް އެޅި އެކި ކަހަލަ މައްސަލަތައް ކުރިމަތިވުން ގާތްވާނެއެވެ.

އެމެރިކާގެ ސިއޭޓަލް ޗިލްޑްރަންސް ހޮސްޕިޓަލުގައި މަސައްކަތްކުރާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޑިމިޓްރީ ކްރިސްޓަކިސް ބުނީ ޓެބްލެޓާ ފޯނު ފަދަ އެއްޗެހި ބޭނުންކުރަން ދިނުމުގައި ކުއްޖާ ނިދާ ގަޑިޔާ، ކުއްޖާއަށް ވާހަކަފޮތް ފަދަ އެއްޗެހި ކިޔައިދިނުމާއި، ބޮޑެތި މީހުންނާ އެކު ހޭދާ ކުރާ ވަގުތުކޮޅާ ފުށުއަރައިގެން ނުވާނެއެވެ.

“ކުޑަކުދިންނަށް އެންމެ މުހިންމު ކަމަކީ އެކުދިންނަށް އަޅާލައި މީހުންނާ މައިންބަފައިންނާ އެއްކޮށް ހޭދަ ކުރާ ވަގުތުތައް. ކުއްޖާގެ އިޖްތިމާއީ ހެދިބޮޑުވުމަށް (ސޯޝަލް ޑިވެލޮޕްމަންޓަށް) ވުރެ މުހިއްމު ކަމެއް ނޯންނާނެ. ޓެބްލެޓާ އެކު ހޭދަކުރާ ވަގުތަކީ މީގެ ބަދަލެއް ކަމަށް ވަންޏާ، އެއީ ރަނގަޅުކަމެއް ނޫން،” ޑޮކްޓަރ ޑިމިޓްރީ ކްރިސްޓަކިސް ބުންޏެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއާޓްރިކްސް އިން ލަފާދޭ ގޮތުގައި ދެ އަހަރުން މަތީ ކުދިންނަށް އެންމެ ގިނަވެގެން ޓެބްލެޓެއް ނުވަތަ ސްކްރީނަކަށް ބަލަހައްޓައިގެން އިނުމަށް ފުރުސަތު ދޭންވާނީ އެއް ގަޑިއިރާއި ދެ ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ. އަދި މިކަމަށް ސިއޭޓަލް ހޮސްޕިޓަލުގެ ޕީޑިއާޓްރީޝަން ޑޮކްޓަރ ޑީމިޓްރީ ވެސް އެއްބަސްވެ އެވެ.

އެމެރިކާގެ ނިއުޔޯކުގެ މޮންޓެފިއޯރީ މެޑިކަލް ސެންޓަރު ތަމްސީލުކުރާ އަންހެންޕީޑިއާޓްރިކް ސައިކޮލޮޖިސްޓް ޑޮކްޓަރ ރަހިލް ބްރިގްސް ބުނީ ޓެބްލެޓް ފަދަ ތަކެތި ގިނައިން އެންމެ ތުއްތު ކުދިންނަށް ދެއްކުމަކީ ވާހަކަ ދައްކަން ދަސްކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ. ނަމަވެސް އޭނާ ބުނީ ދުނިޔޭގެ ބަޒާރުގައި ޓެބްލެޓް އާންމުވިތާ އެހާ ގިނަ އަހަރުތަކެއް ވެފައި ނުވާތީ މިކަމާ ގުޅޭ ގޮތުން ހެދިފައިވާ ދިރާސާތައް ވަރަށް މަދު ކަމަށެވެ.

ޑޮކްޓަރ ރަހިލް މެންގެ ވާހަކަތަކާ ދެކޮޅު ހަދާ މީހުންގެ ވާހަކައަކީ ވެސް މިއީ އެވެ. އެކަށީގެންވާ ވަރުގެ ދިރާސާއެއް ހެދޭ ވަރުގެ މުއްދަތެއް އަދި ނުލިބޭ ކަމެވެ. އަދި ބައެއް މީހުން ދެކޭ ގޮތުގައި ދުނިޔޭގެ ޓެކްނޮލޮޖީ ބާޒާރުގައި މިހާރު ލިބެން ހުރި ޓެބްލެޓުތަކާ އެ އެއްޗިއްސަށް ހަދާފައިވާ ގިނަ ގުނަ އެޕްލިކޭޝަން ތަކުގެ ތެރޭގައި ކުޑަކުދިންނަށް ފައިދާ ހުރި އެޕްލިކޭޝަންތައް ވެސް އެބަހުއްޓެވެ. މުހިއްމީ މައިންބަފައިން ދަރިންނަށް ބޭނުންކުރަން ދޭ އެޕްލިކޭޝަންގެ ފެންވަރުކަމުގައި ބައެއް މީހުން ދެކެއެވެ.