ކާރިސާތަކަށް ހޭލުންތެރިރުކޮށް ކާރިސާތަކަށް ތައްޔާރުވުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިޒޯޓުތަކަށް އަމާޒުކޮށްގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ފަށައިފި އެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ކޮންސެޕްޓްގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮގްރާމް ރާއްޖޭގައި އެންމެ ފުރަތަމަ ފައްޓާފައި ވަނީ މާލެ އަތޮޅު ގިލި ލަންކަންފުށި ރިޒޯޓް އެންޑް ސްޕާގަ އެވެ. އެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އެ ރިޒޯޓާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ދެމެދުވި އެއްބަސްވުމުގައި ގިލި ލަންކަންފުށި ރިޒޯޓުގެ ފަރާތުން ސޮއިކުރެއްވީ ރިޒޯޓުގެ މެނޭޖަރު ބްރެޑް ކަލްޑާ އެވެ. އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމު ވިދާޅުވީ އެހެން ރަށްރަށް ފަދައިން ރިޒޯޓުތަކަކީ ވެސް ނާޒުކު ރަށްތަކެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތާ އެކުގައި މިއަދު ސޮއިކުރި އެ ޕްރޮގްރާމުގެ ސަބަބުން ކުރިމަގުގައި ބޮޑެތި ލާބަޔާއި މަންފާ ލިބިގެންދާނެ ކަމަށެވެ.

"މި ޕްރޮގްރާމުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ލިބޭނެ. ފަތުރުވެރިކަމަކީ އިގްތިސާދާ ގުޅިފައި އޮތް އެންމެ ބޮޑު އެއް ސެކްޓާ. އެ ސެކްޓާ ރައްކާތެރިކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް މިއީ. ކާރިސާތަކުން ގެއްލުންލިބޭނެ. އެކަމަކު ޕްރޮގްރާމުގެ ސަބުބުން ކާރިސާތަކަށް އިޖާބަ ދިނުމުގައި އަވަސްވެގެންދާނެ. އަދި ހޭލުންތެރިކަން އިތުރުކުރެވޭނެ. އަދި ގެސްޓުންގެ ހިމާޔަތަށް ވެސް ބޮޑެތި ފިޔަވަޅުތަކެއް އެޅޭނެ،" ތަސްނީމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ތިން މަސް ދުވަހަށް ހިންގާ އެ ޕްރޮގްރާމުގެ ދަށުން ގިނަ ކަންތައްތަކެއް ކުރިއަށްގެންދާނެ ކަމަށާއި އެގޮތުން ކާރިސާތަކުން ރައްކާތެރިވާނެ ޕްލޭނެއް ހެދުމަށް ރަށް އޮތް ގޮތް ދެނެގަތުމުގެ އިތުރުން ކާރިސާއެއްގެ ވަގުތުގައި ކަންކުރާނެ ގޮތްތަކުގެ ޑްރިލްތަކެއް ރަށްރަށުގައި ހިންގާނެ ކަމަށެވެ.

"ކާރިސާތަކުގައި ރަށުގެ މީހުން ރައްކާތެރި ތަނަކަށް ގެންދަންޖެހިއްޖެއްޔާ ގެންދާނެ ގޮތެއް މި ޕްރޮގްރާމުގެ ދަށުން ހޯދައި އެކަމަށް ފަތިރަކުރުންތަކެއް ފަރިތަކުރެވޭނެ. އަދި ރަށަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއެއްގެ މައްޗަށް ތަމްރީން ޕްރޮގްރާމްތަކެއް ހިންގޭނެ. އެގޮތުން ފަޔާ ސްކޮޑެއް ވެސް ރަށުގައި ތައްޔާރުކުރެވޭނެ. އަދި މޫދުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ވެސް ތަމްރީން ޕްރޮގްރާމްތަކެއް ހިންގާނެ،" ތަސްނީމު ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ރާއްޖޭގައި ފެށި އެ ޕްރޮގްރާމުގައި އެމްއެންޑީއެފްގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވެސް ބައިވެރިވެ އެވެ.