26 Dec 2013, 13:13
މޯލްޑިވިއަންގެ 320އޭ މަތިންދާބޯޓުގެ ހާއްސަ ދަތުރެއް އަންނަ އާދީއްތަ ދުވަހު ސ. ގަމަށް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ 320އޭ މަތިންދާބޯޓުގެ ހާއްސަ ދަތުރެއް ގަމަށް ބާއްވަން ނިންމީ މި ދުވަސްވަރު މާލެއާ ގަމާ ދޭތެރޭ ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުދި ބޯޓުތައް މިވަގުތު ގަމަށް ކުރާ ދަތުރުތަކުގައި ވަރަށް ބާރު ބޮޑުވެފައި ވަނީ. އެހެންވެ އެކަމަށް ލުޔެއް ދިނުމުގެ ގޮތުން ބޮޑު ބޯޓުގެ ދަތުރެއް ބާއްވަން ނިންމީ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ 152 ގޮނޑީގެ މަތިންދާ ބޯޓުގެ ދަތުރުގައި އެއްކޮޅު ޓިކެޓެއް ވިއްކަނީ 999ރ. އަށެވެ. އަދި މި ދަތުރުގައި މާލެއިން ފުރަން ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހު 13:55 ގަ އެވެ. އަދި ގަމުން ފުރުމަށް ހަމަޖެހިފައި ވަނީ 15:40 ގަ އެވެ.
މޯލްޑިވިއަނުން މީގެ ކުރިން ވެސް 320އޭ ހާއްސަ ދަތުރުތައް ސ. ގަމަށް ބާއްވާފައިވެ އެވެ.