ރާއްޖެ އަށް ދިމާވި ސުނާމީ ކާރިސާގައި ގެދޮރުގެއްލި ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގެދޮރުގެ މައްސަލަ ހައްލު ނުވެ ތިބި ފަރާތްތަކަށް އަންނަ 2014 ވަނަ އަހަރުގެ ތެރޭގައި ގެދޮރުގެ މައްސަލަ ހައްލު ކޮށްދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވެއްޖެ އެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެއްލުންލިބުނު ފަރާތްތަކަށް ވޭތުވެ ދިޔަ ނުވަ އަހަރު ދުވަހުގެ ތެރޭގައި ގެދޮރުގެ މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވަމުން ގެންދެވި ނަމަވެސް އަދިވެސް ހުރިހާ އެންމެނަށް ގެރޮރު ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނުގެ ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެ ހުރިހާ ފަރާތްތަކަށް ގެދޮރު ފޯރުކޮށްދޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދިވެސް ގާތްގަނޑަކަށް 427 އާއިލާއަށް ގެދޮރު އެބަ ބޭނުންވޭ. އެމީހުންގެ ގެދޮރު އަޅައިދިނުމުގެ މަސައްކަތް މިހާރު ވެސް ދަނީ ހިނގަމުން. ސުނާމީއާ ގުޅިގެން ގެދޮރުގެ ކަންތައްތައް ހަމަނުޖެހި ތިބި އެންމެންނަށް އިރާދަކުރެއްވިއްޔާ، މިސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން މިއަންނަ އަހަރު، އާދެ! 2014 ވަނަ އަހަރު ގެދޮރުގެ ކަންތައްތައް ހަމަޖައްސައިދޭނެ ވާހަކަ އުފަލާ އެކީގައި ދަންނަވަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ސުނާމީ ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅުނު 190 ރަށަށް ސުނާމީ ކާރިސާގެ އަސަރު ކޮށްފައިވާ އިރު އޭގެ ތެރެއިން ފަސް ރަށް މުޅިން ހަލާކުވެގެން ދިޔަ އެވެ. 82 މީހުން މަރުވެ 26 މީހަކު ވަނީ ގެއްލިފަ އެވެ. އެ ހިތާމަވެރި ކާރިސާގައި، 15000 މީހުންގެ ގެދޮރު ގެއްލި، ޖުމްލަ 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަންޖެހުނު އިރު އާބާދީގެ ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތެއްގައި އަސަރުކޮށް ގައުމީ އުފެއްދުންތެރިކަމަށް ނިސްބަތުން 62 އިންސައްތަ ގެއްލުން ލިބިފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގައުމީ މަސްލަހަތަށް ކަމަށާއި އަދި ގައުމީ އެއްބައިވަންތަ ކަމަށް ކަމަށެވެ.

"ގައުމުގެ އެއްބައިވަންތަކަމަށް. ޖަމާއަތުގެ އެކުވެރިކަމަށް. އުމްރާނީ ކުރިއެރުމާއި ރައްޔިތުންގެ ތަނަވަސްކަމަކީ މުހިންމު ކަންކަން ކަމުގައި މިސަރުކާރުން އަބަދުވެސް ގަބޫލުކުރާނެ. ހަމައެއާ އެކު، ގައުމުގައި ހަމަނުޖެހުން އުފެދޭގޮތަށް އެކިފަރާތްތަކުން އަމަލުކުރަމުން ގެންދާ ނަމަ، އެކަމުން ގައުމުގެ އަމާންކަމާއި ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ޓަކައި ކުރަމުން ގެންދާ މަސައްކަތްތަކަށް ސިޔާސީ ހުރިހާ ފާރާތްތަކެއްގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރައްޔިތުން އެދޭ ކުރިއެރުންތައް ގެނައުމަށް މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑުގެ ސަރުކާރަށް ދެއްވާށޭ. ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް. ވަޒީރުންނަށް ރުހުން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ބަޖެޓަކީ ތަރައްގީގެ ވިސްނުމުގެ ވަސީލަތް ކަމަށްވުމާ އެކު، ދައުލަތުގެ ބަޖެޓް ފާސްކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ހަމައެހެންމެ، އިޖްތިމާއީ ހަމަޖެހުން ގާއިމުކުރުމަށާއި ކުށް މަދުކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.