ލަންކާގެ މާތަރަ ސްކޫލްގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް އަތުން 1-0 ލަނޑުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓީމް ބަލިވެއްޖެ އެވެ.

އިއްޔެ ހަވީރު ޓާފްދަނޑުގައި ކުޅުނު ރަހުމަތް ތެރިކަމުގެ މެޗުން އެފްއޭއެމްގެ ޓީމް 1-0 ލަނޑުން ބަލިވިއިރު، އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި އެފްއޭއެމްގެ ޓީމް ވަނީ 2-0 ލަނޑުން މޮޅުވެފައެވެ.

އެފްއޭއެމް ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އަދި އެފްއޭއެމް ޓީމުގެ ކޯޗަކީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) އެވެ.

ލަންކާގެ މާތަރަ ޓީމުގެ ކޯޗަކީ 80ގެ އަހަރުތަކުގައި ކްލަބް ވެލެންސިއާގައި ވިދާލި ލަންކާގެ ޑިފެންޑަރު ކޭޑީ ލަލިތެވެ.

ލަންކާގެ މާތަރަ ޓީމް ރާއްޖެއަށް ކުރާ މިދަތުރުގައި މިއަދު ވަނީ އއ. ބޮޑުފުޅަދޫއަށް ދިއުމަށް ހަމަޖެހިފައެވެ. އަދި އެދަތުރުގައި އެރަށުގެ 19 އަހަރުންދަށުގެ ޓީމަކާއި ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.