ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން 100 މޭލުން ބޭރުން ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ރާއްޖޭގެ ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފި އެވެ.


އއ. އުކުޅަހުގައި ފާހަގަ ކުރި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވީ ލޭނުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމުން ކިތަންމެ ތަނަކުން ރާއްޖެ އަށް ފައިދާވާނެ ކަމަށާއި ލޭނުގެ މަސްވެރިކަން ކުރިއަރުވަން ސަރުކާރުން ވިސްނަނީ ވަގުތާއި ހާލަތަށް ބަލާފައި ކަމަށާއި އެ މަސައްކަތް ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.  


..."މި އުސޫލުން ލޭނު އަޅަމުން ގެންދިޔައިމާ ރާއްޖެ އަށް ބާނާ ބޮޑު ކަންނެލީގެ ބާވަތްތައް އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ތަޖުރިބާކާރުންނާއި މާހިރުން ލަފާދޭ. މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތުން މިކަމުގެ އަޖުމަބެލުމަށް ޓަކައި މިދިޔަ އަހަރު ވަނީ ލޭނުގެ މަސައްކަތްތަކެއް ކޮށްފައި. ފިޝަރީޒު މިނިސްޓްރީ އަށާއި އެ މިނިސްޓްރީގެ މާހިރުނަށް މިކަމުގައި ދެކެވެނީ އާންމުކޮށް ލައިސަންސް ހުޅުވާލައިފި ނަމަ ރާއްޖެއަށް ލިބޭ ނަފާ، ލިބޭ ފައިދާ ކިތަންމެ ތަނަކުން އިތުވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.


މިދިޔަ އަހަރާ ޖެހެންދެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ދާއަޅައިގެން ލޭނުގެ މަސްވެރިކަން ކުރުމަށް ބޭރުގެ ފަރާތްތަކަށް ދީފައިވާ ލައިސެންސް ބާތިލްކޮށް، ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް އަލުން ލައިސަންސް ދިނުމަށް ގެޒެޓް ކުރުމުން، ކުރިއަށް އޮތް 2011 އަހަރު ލޭނުގެ މަސްވެރިކަން އެތައްތަނަކުން ކުރިއަރައިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ރާއްޖެ އަށް ބާނާ މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ މިހާރު ދީފައި ވަނީ ހަތަރު ކުންފުންޏަކަށް ކަމަށް ވިއަސް، ކުދި އަދި މެދުފަންތީގެ ކޮންމެ ކުންފުންޏަކަށް ވެސް މަސް ގަނެ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ހުޅުވާލުމުން މަސްވެރިކަން ފުޅާކުރެވޭނެ ކަމަށެވެ. އަދި ދޮށީގެ މަސްވެރިކަން ދަށްވެ، ރާއްޖޭގެ މަސްވެރި ބައެއް ކާރުހާނާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި އެ ކުންފުނިތަކަށް ބޭރުން މަސް އިމްޕޯޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފައިވާ ކަމަށާއި އިމްޕޯޓް ކުރާއިރު ޑިއުޓީއެއް ނެގޭނެ ކަމަށާއި ނަމަވެސް އެ އެކްސްޕޯޓް ކުރާއިރު އިނާޔަތެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.


މަސްވެރިކަމުގެ ސިނާއަތް ކުރިއަރައި މަންފާތައް ލިބެން ފެށުމުން 2011 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް އަންނަ އިރު، ރާއްޖޭގައި މަސް ކިލޯއެއްގެ އަގު 14 ރުފިޔާގައި ހުރެއްޖެ ނަމަ އެއީ ސަރުކާރުގެ އަމާޒު ހާސިލްވީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ކަނޑުން ލިބޭ ބާވަތްތައް އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝިދު ވިދާޅުވީ ފަޅުތަކާއި ފަރުތަކާއި ވިލުތަކާއި ހާހަލާކީ ގުދުތަރީ މުއްސަނދިކަމުން ފުރިފައިވާ ތަންތައްކަމަށާއި އެ ގޮތުން އެތަންތަނުން އާމްދަނީ ހޯދުމަށް ޓަކައި ފާނައިގެ މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަން ދިރުވަންޖެހިފައިވާ ކަމަށެވެ. އެގޮތުން ހުއިފިލަނޑައާއި ފާނަ ދިރުވައި ވިއްސައި އާލާކުރުމުން އިތުރު އާމްމުދަނީ ލިބޭނެ ކަމަށާއި 2012 ވަނަ އަހަރު ވެގެންދާނީ ފާނައިގެ މަސްވެރިކަމުގައި ރާއްޖެ އަށް ވަރަށް ފާގަތި އަހަރަކަށް ކަމަށެވެ.


ހުއިފިލަނޑައާއި ފާނަ ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކޮށްގެން 2011 އަހަރާއި 2012 ވަނަ އަހަރު 50 މިލިއަން ޑޮލަރު ރާއްޖެ އަށް ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.