މިދިޔަ ސީޒަންގައި މާޒިޔާ އަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅިއްޖެ އެވެ.

ޝާފީ ނިއުއާ ގުޅުނު ކަމަށް ބުނެ އެކުލަބުގެ ރަސްމީ ވެބްސައިޓުގައި ވަނީ އެކަން އިއުލާންކޮށް ބަޔާނެއް ނެރިފަ އެވެ. ނިއުގެ އެބަޔާނުގައި ބުނެފައި ވަނީ ޝާފީ ނިއުއަށް ގުޅިފައި ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހު އެއްބަސްވުމުގެ ދަށުން ކަމަށެވެ.

އަންނަ ސީޒަންގައި ނިއު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް އެކުލަބުގެ މެނޭޖްމަންޓުން އަވަދިނެތި ކުރަމުންދާ އިރު، ދާދި ފަހުން ނިއުއާ ވަނީ މުހިންމު ދެ ކުޅުންތެރިއަކު ގުޅިފަ އެވެ. އެ ދެކުޅުންތެރިންނަކީ ތަޖުރިބާކާރު މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އާއި ތަޖުރިބާކާރު ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. އެ ދެކުޅުންތެރިން ވެސް ނިއުއާ ގުޅިފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއުގެ ސްކޮޑް ވަރުގަދަކުރަމުން އެޓީމުން މަސައްކަތްކުރާ އިރު އޮއްޕޮއަކީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ސެމީފައިނަލަށް ނިއު ދަތުރު ކުރިއިރު ވެސް އެ ކަލްބުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރި އެކެވެ.

އަންނަ ސީޒަންގައި ނިއުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ސްޕެއިންގެ ކޯޗު އަންހެލް ޕެރޭޒް ގާސިއާ އެވެ.

ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ނިއު އިން ހޯދި ސައްތައިންސައްތަ ބޮޑު ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި އެކުލަބުގެ މުހިންމު ބައެއް ކުޅުންތެރިން ވެސް ވަނީ ކުލަބުގައި މަޑުކުރަން ކޮންޓުރެކްޓު އާކޮށްފަ އެވެ. އެގޮތުން އެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރާއި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަހުމަދު ނިޔާޒާއި އަހުމަދު އަބްދުﷲ (ލިލީ) އެވެ. މީގެ ތެރެއިން އިމްރާން ފިޔަވައި އެހެން ކުޅުންތެރިން ކޮންޓްރެކްޓް އާކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.

ނިއުއިން ބުނީ ކުރިން ކޮންޓްރެކްޓް ހަދާފައިވާ ކުޅުން ތެރިންގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ މުޙައްމަދު ސިފާން (ކުޑައްޓޭ)، އިންސްމާއިލް އީސާ (މެސީ)، އަދި ރިލްވާ ވަހީދު (ރިލޭ) ފަދަ ކުޅުންތެރިން އަންނަ ސީޒަންގެ ނިޔަލަށް ޓީމުގައި މަޑު ކުރާނޭ ކަމަށެވެ.