އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި 17.5 ބިލިއަން ރުފިޔާގެ ބަޖެޓް 17.92 އަށް މަޖިލީހުން ބޮޑުކުރުމަށް ނިންމާފައިވާ އިރު އެ ބަޖެޓަށް ބޮޑެތި އިސްލާހުތަކެއް ހުށައަޅައި ބަޖެޓުގެ ބަހުސް ފަށައިފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ 14 އިސްލާހެއް ހުށައަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ބަޖެޓުގެ އަދަދަށް ބަދަލު ނާންނާނެ ގޮތަށް ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ބަޖެޓަށް ހަ މިލިއަން އިތުރު ކުރުމަށާއި ޔުނިވާސިޓީގެ ބަޖެޓަށް 10 މިލިއަން އިތުރުކުރުމާއި ޕީޖީ އޮފީހުގެ ބަޖެޓަށް ފަސް މިލިއަން އިތުރުކުރުން ހިމެނެ އެވެ.

ބަޖެޓަށް އެމްޑީޕީގެ މެމްބަރުން ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބުދުﷲ ހުށައަޅުއްވާފައިވާ ސުނާމީގައި ހާލުގައި ޖެހުނު ރަށްރަށުގެ ބިން އިތުރުކުރުމަށް ހައުސިން މިނިސްޓްރީގެ ބަޖެޓަށް 35 މިލިއަން އިތުރުކުރުމާއި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށައަޅުއްވާފައިވާ އާމްދަނީ އިތުރުކުރުމަށް 50 އަހަރަށް ރިސޯޓްތަކުގެ މުއްދަދު އިތުރުކޮށް ކޮންސެޝަން ފީ ނެގުމަށް ބަޖެޓްގައި ހިމަނުއްވާފައިވާ އިރު އެކަން އުނިކުރުން ހިމެނެ އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު ވަނީ ބަޖެޓުން ދެ ބިލިއަން ރުފިޔާ އުނިކުރަން ހުށައަޅާފަ އެވެ. ހުޅުމީދޫ އިލްޔާސް ލަބީބް ވަނީ ލޯނުތަކުގެ ތެރެއިން ޕީއެސްއައިޕީ އަށް ހިމެނޭ ލޯނުތައް ހަތް ޕަސެންޓް މަތީ އިންޓްރެސްޓް ރޭޓެއްގައި ނުނެގޭނެ ގޮތަށް ފާސް ކުރުމަށް
ހުށައަޅުއްވައިފަ އެވެ.

މިހާރު ކުރިއަށް ދަނީ ބަޖެޓް ބަހުސް އެވެ. އަދި މިއަދު ބަޖެޓް ބަހުސް ނިންމާލުމަށް ވަނީ ނިންމާފަ އެވެ.

އިއްޔެ ބަޖެޓް ބަހުސް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައިވީ ނަމަވެސް އިއްޔެ ބަހުސް ކުރިއަށް ނުގެންދެވުނީ އިދިކޮޅު އެމްޑީޕީގެ ހުށަހެޅުމަށް ސަރުކާރުންގެ މެމްބަރުން އިޖާބަދިނުމުންނެވެ. ބަޖެޓުގެ ބަހުސް މިއަދު ނިމިއްޖެ ނަމަ އަންނަ އަހަރުގެ ބަޖެޓް މިއަދު މަޖިލީހުން ފާސް ކުރާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ސަން އަށް ވަނީ ވިދާޅުވެފަ އެވެ.