ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށްލުމަށް ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ އެރަށު ޖޭމުގަސްދޮށުގޭ ހަސަން ޒަރީރު،52، ގެ މައްޗަށެވެ.

ޒަރީރު 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ތަފާތު އެކި ދުވަސްމަތިން ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ބިލެއްދޫ ކޯޓޫގެ ހުކުމްގައި ބުނެފައި ވަނީ ދައުވާ އަށް ޒަރީރު އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި މައްސަލައާއި ގުޅިގެން ލިބެން ހުރި ލިޔެކިޔުންތަކާ ފ. ނިލަންދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ތައްޔާރުކޮށް ހުށަހަޅާފައިވާ މައްސަލައިގެ ރިޕޯޓާއި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ މެޑިކޯ ލީގަލް ރިޕޯޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޮށްފައިވާ ތަހުގީގާ ގުޅޭ ލިޔެކިޔުންތަކާ ބަޔާންތަކަށް ބަލާއިރު އެދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ކުޑަކުއްޖާއާ ޒަރީރު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް އެ ކުއްޖާގެ ބައްޕައަށާއި ބައްޕަ ފަރާތުގެ ބޮޑުދައިތަ އަށާއި މި މައްސަލައާ ގުޅިގެން ކުއްޖާއާ ސުވާލުކުރި ފަރާތްތަކަށް ކިޔާދީފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެ ހުރިހާ ކަންކަމުގެ މައްޗަށް ބަލާއިރު ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ފަސް ކަމެއް ހަމަވެފައިވާކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ބިލެއްދޫ ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އިސްލާމީ ޝަރީއަތާއި ގާނޫނީ ހުދޫދުތަކުގެ ތެރެއިން މަނާވެގެންވާ ބޮޑެތިވެގެންވާ އެންމެހައި ފާފަތަކާއި ކުދިފާފަތަކުން އެއްކިބާވެ އެފަދަ ކަންކަމުން ދުރުވެހުރުމަށް ކޯޓުން ވަނީ އޭނާ އަށް ނަސޭހަތްތެރިވެފަ އެވެ.