ދުނިޔޭގެ އެންމެ މޮޅެތި ބްރެޒިލް ކުޅުންތެރިންގެ ތެރޭގައި ހިމެނި ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ތާރީހުގެ ތެރެއަށް ވަންނާނެކަމުގައި ކުރީގެ ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ރޮނާލްޑޯ ބުނެފި އެވެ.

މިސީޒަނުގައި ސަންޓޯސް އިން ބާސާއާ ގުޅުމަށް ފަހު ނޭމާގެ ކުޅުން ވަނީ މުޅި ދުނިޔޭގައި ފާހަގަވެގެން ގޮސްފަ އެވެ. ފީފާ ކޮންފެޑަރޭޝަންސް ކަޕްގައި ވިދާލުމަށް ފަހު ބާސާއާއި ގުޅި ގިނަ ދުވަސްތަކެއް ނުވެ ކޯޗު ޖެރާޑޯ މާޓީނޯގެ ފުރަތަމަ އެގާރައިން ނޭމާ ދަނީ ފުރުސަތު ހޯދަމުންނެވެ.

"މޮޅު ކުޅުންތެރިއަކަށް ނޭމާ ވާނޭކަމާ މެދު ޝައްކެއްނެތް. ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނި އޭނާ ތާރީހުގެ ތެރެއަށް ވަންނާނެ. މިހާރު އޭނާ ހުރީ އެންމެ ރަނގަޅު ހިސާބުގައި. އޭނާއަކީ މޮޅު ފެންވަރެއްގެ ހުނަރުވެރި ކުޅުންތެރިއެއް." ރޮނާލްޑޯ ބުންޏެވެ.

މިވަގުތު ސްޕެނިޝް ލަލީގާގެ އެއްވަނާގައި ބާސާ އޮތް ނަމަވެސް، އެއްވަނާގައި ދެމިހުރުމަށް އެޓީމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ އެވެ. ދެވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ބާސާ އާއި ޕޮއިންޓްގެ ތަފާތުން އެއްވަރު ނަމަވެސް ބާސާ އެއްވަނާގައި އޮތީ ގޯލްގެ ތަފާތުންނެވެ. ސްޕެނިޝް ލަލީގާގެ މެޗުތައް ފިނި މޫސުމަށް މެދުކަނޑާލުމަށް ފަހު ދެން މެޗުތައް ކުރިއަށް ދާނީ ޖެނުއަރީ ހަތަރަކުން ފެށިގެންނެވެ.