ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދިމާ ވެފައިވާ އެންމެ ބިރުވެރި ގުދުރަތީ ކާރިސާ ކަމުގައިވާ ސުނާމީގެ ބިރުވެރިކަން ފާހަގަކުރުމުގެ ގޮތުން ސުކޫތެއް ބާއްވައިފި އެވެ.

މިއަދުގެ ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި ހެނދުނު 9:20 އިން ފެށިގެން އެއް މިނެޓަށް ކުރިއަށް ގެންދިޔަ ސުކޫތުގައި މުޅި ރާއްޖެ ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މާލޭގައި ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން މަގުމައްޗަށް ނުކުމެ ސުކޫތުގައި ބައިވެރިވެފައިވާ އިރު އަތޮޅު ތެރޭ ހުރިހާ ރަށެއްގައި ވެސް ވަނީ ސުކޫތު ކުރިއަށް ގެންގޮސްފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެ ދުށް ސުނާމީގެ ބިރުވެރި ކާރިސާގައި 26 މީހުން ވަނީ މަރުވެފަ އެވެ. އަދި 82 މީހަކު ވަނީ ގެއްލިފަ އެވެ. އެ ކާރިސާގައި އެތައް ބައެއްގެ މުދަލަށް ގެއްލުން ވެފައިވާ އިރު އެތައް ވިޔަފާރިއެއް ވަނީ ފުނޑުފުނޑުވެފަ އެވެ. ބިޔަ ބޮޑެތި ރާޅުތައް ބިންތިރު ރަށްރަށަށް އަރައި ހިނގައިދިޔަ އެ ހިތާމަވެރި ބިރުވެރި ކަންތައްތަކުގެ ސަބަބުން ނަފްސާނީ ގޮތުން އަދިވެސް އެތައް ދިވެހިންނަކަށް ވަނީ އަސަރުކޮށްފަ އެވެ.