އަންނަ އަހަރަށް ލަފާކޮށް ބަޖެޓް ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި 17.77 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމެޓީން އަލުން ދިރާސާކޮށް، 153 މިލިއަން ރުފިޔާ ބަޖެޓަށް އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ބަޖެޓަށް 153 މިލިއަން ރުފިޔާ އިތުރު ކުރުމުން އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 17.92 ބިލިއަން ރުފިޔާ އަށް ބޮޑުވެފަ އެވެ. ބަޖެޓް 153 މިލިއަން ރުފިޔާ އިތުރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ހުށަހެޅުމަކަށެވެ.

އެމްޑީޕީގެ މެމްބަރުންގެ ހުށަހެޅުމާ އެއްގޮތަށް ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ އެ އިސްލާހު ބަޖެޓަށް ގެނައުމަށް އެއްބަސްވެފަ އެވެ. ބަޖެޓަށް ގެނައި އިސްލާހުތަކާއެކު ބަޖެޓް ފާސް ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ބަޖެޓަށް މިރޭ އިތުރު ކުރި 153 މިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް އިތުރު ކުރި ފައިސާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ހުށަހެޅުމަށް ސަރުކާރުންގެ މެމްބަރުން އިޖާބަދިނުމުން، ބަޖެޓަށް ގެންނައި އިސްލާހުތަކާ އެކު އަލުން މާދަމާ މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. ބަޖެޓުގެ ބަހުސް މާދަމާއަށް ނިމިއްޖެނަމަ އަންނަ އަހަރުގެ ބަޖެޓް މާދަމާ މަޖިލީހުން ފާސް ކުރާނެ ކަމަށް އޭނާ ބުންޏެވެ.