25 Dec 2013, 22:57
މަގާމުން ދުރުކުރެވިފައިވާ މިސްރުގެ ރައީސް މުހައްމަދު މޫރުސީގެ މުސްލިމް ބްރަދާހުޑް ޖަމާއަތަކީ "ޓެރަރިސްޓް ޖަމާއަތެއް"ގެ ގޮތުގައި މިސްރުގެ އަސްކަރީ ސަރުކާރުން ކަނޑައަޅައިފި އެވެ.
މީގެ ކުރިން މިސްރުގެ އަސްކަރީ ސަރުކާރުން މަނާކޮށްފައިވާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނިފައިވާ މުސްލިމް ބްރަދާހުޑަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލްކޮށްފައި ވަނީ މިދިޔަ ހަފުތާގައި މިސްރުގެ ފުލުހުންގެ އިދާރާއަކަށް ދިން ހަމަލާއަކީ މުސްލިމް ބްރަދާހުޑުން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށެވެ.
މިސްރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ހުޝާމް އީސާ ވަނީ މުސްލިމް ބްރަދާހުޑަށް ވާގިވެރިވާ ފަރާތްތަކާއި އެޖަމިއްޔާގެ މެމްބަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
މިދިޔަ އަންގާރު ދުވަހު މިސްރުގެ މަންސޫރާގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ ކައިރީގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގެ ސަބަބުން 16 މީހުން މަރުވެ 100 މީހުންނަށް އަނިޔާވެފައިވާ އިރު، މިސްރުގެ ސަރުކާރުން ބުނެފައި ވަނީ މިހަމަލާގެ ފަހަތުގައި ވަނީ މުސްލިމް ބްރަދާހުޑް ކަމަށެވެ.
ނަމަވެސް މުސްލިމް ބްރަދާހުޑްއިން ބުނެފައި ވަނީ ހަމަނުޖެހުމަކަށް މަގުފަހިވާ އެއްވެސް ކަމެއް އެ ޖަމިއްޔާ އިން ކޮށްފައި ނުވާނެ ކަމަށެވެ.
މުސްލިމް ބްރަދާހުޑަކީ މިސްރުގައި އިސްލާމީ ވެރިކަމެއް ގާއިމްކުރުމަށް މަސައްކަތްކުރާ 84 އަހަރުވެފައިވާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގެ ސިޔާސީ ގޮފި ކަމަށްވާ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީއަކީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ދިގު ވެރިކަމަށް ފަހު މިސްރުގެ ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު މޫރުސީ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މިސްރުގެ ރައީސް މޫރުސީގެ ވެރިކަން ވައްޓާލުމަށް ފަހު، މުސްލިމް ބްރަދާހުޑް އުވާލުމަށް އެގައުމުގެ އަސްކަރީ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.