25 Dec 2013, 19:52
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ފާސްކޮށްދިނުމަށް މަޖިލީހުގައި ހިމެނޭ ކޯލިޝަން ޕާޓީތަކަށް ރައީސްޖުމްހޫރިއްޔާ ގޮވާލައްވައިފި އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޕީޕީއެމާ ގުޅިވަޑައިގެންނެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ ރަނގަޅު ބަޖެޓް ހަދަން އެނގޭނީ ސަރުކާރަށް ކަމަށެވެ. ޖެޓް ފާސްކޮށްދިނުމަށް ކޯލިޝަން ޕާޓީތަކަށް ގޮވާލައްވަމުން ރައީސް ވިދާޅުވީ ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރެވެނީ އެއްބާރުލުން ދީގެން ކަމަށެވެ.
"އެކި މަޝްރޫތަކަށް ފައިސާ ހިމަނާނެވަކިވަކި އަދަދުތައް ކޯލިޝަންއިން ނިންމަން ވެއްޖެ ނަމަ ސަރުކާރުން އެއް އަމާޒަކަށް މަސައްކަތެއް ނުކުރެވޭނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ކޯލިޝަން ހެދުމަކީ މައި ޕާޓިގެ ނިންމުންތަކަށް އެއްބަސްވެގެން މަސައްކަތް ކުރުން ކަމަށްވާއިރު ސަރުކާރުން ބަޖެޓެއް ފޮނުވުމުން އާންމު ވިސްނުމަކުން ވިސްނައި ބަޖެޓް ފާސްކޮށްދިނުމަކީ ކޯލިޝަންގެ ބައިވެރިން ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އަޅައިދެވޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
"އެންމެ ފުރަތަނަ މަރުހަލާގައި ސަރުކާރުން މިހެން ފޮނުއްވަވާ މިފަދަ ޑޮކިއުމަންޓް ތަކަކަށް، ހުރިހާ މައްސަލަތަކަށް އެންމެ ފުރަތަމަ މަރުހަލާގައި އަޅުގަނޑުމެންގެ ކޯލިޝަންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަރާތްތައް ނުކުމެ ވަޑައިގަންނަވައި އެއަށް ފާޑުވިދާޅުވެ ބަދަލު ކުރައްވަން މަސައްކަތް ކުރައްވައިފިއްޔާ އަޅުގަނޑަކަށް ނުވިސްނޭ މި މަސައްކަތް ރައްޔިތުން އެދޭ ގޮތަކަށް އަޅުގަނޑަށް ކޮށްދެވޭނެ ގޮތެއް،" ރައީސް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސަރުކާރުން ރައްޔިތުންނަށް ކަންކަން ނުކޮށްދެވިއްޖެނަމަ ރައްޔިތުންގެ ސުވާލުތައް އަމާޒް ކުރާނީ ސަރުކާރާއި ކަމަށާއި އެކަމުގައި ޒިންމާވަނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓް ފުރަތަމަ އެކުލަވާލިއިރު އެ ބަޖެޓަކީ ސާޕުލަސް ބަޖެޓެއް ކަމަށާއި އެގޮތުން ރިކަރަންޓް ހަރަދުގެ ތެރެއިން 900 މިލިއަން ކުޑަކެރެވުން ކަމަށް ވިދާޅުވި އެވެ. އަދި ފަހުން ބަޖެޓް ބޮޑުވެގެން ދިޔައީ މީގެ ކުރިން ލޭދޭނަށް ކުރެވިފައިވާ މަސައްކަތްތަކަށް ފައިސާ ތަކަށް ފައިސާ ހަމަޖެއްސުމަށް ކަމަށް ރައީސް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރައްވާ 17.77 މިލިއަން ރުފިޔާގެ ބަޖެޓް ފާސް ކުރުމަށް ޓަކައި ވޯޓަށް އެހެން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.