25 Dec 2013, 19:46
ޕީޕީއެމްއާ ގުޅިވަޑައިގެންފައި ވަނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށާއި އެ ކަމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ޕީޕީއެމްއާ ގުޅުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްއާ ގުޅުމުން އެއްވެސް މަގާމެއް ނުވަތަ ސަރުކާރުގެ ބައެއް ދިނުމަށް ޝަރުތުކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޕީޕީއެމްއާ މި ގުޅެނީ އެއްވެސް ޝަރުތަކާ އެކުގައެއް ނޫން. އަޅުގަނޑު ކުރިން ދެންނެވިހެން މިއަދު މުޅި ގައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެން އެކުގައި މަސައްކަތްކުރުން ކަމުގައި ވާތީ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ދެން މަސައްކަތްކުރައްވަމުން ގެންދަވާނީ ޕީޕީއެމްގެ ތެރެއިން ކަމަށާއި ސަރުކާރަށް އެއްބާރުލުން ދިނުމަކީ މިވަގުތު އެންމެ މުހިއްމު ކަންތައް ކަމަށެވެ.
"ސިޔާސީ ގޮތުން ދެން އަޅުގަނޑު މަސައްކަތްކުރަން ގަސްތުކުރަނީ ޕީޕީއެމްގެ ތެރެއިން. ސަރުކާރަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުމަށްޓަކައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު ގައުމަށް އެންމެ މުހިއްމު ކަމަކީ އެއީ. މިހާރު މިއޮތީ ސަރުކާރެއް އިންތިހާބުވެފައި. އެހެންވީމާ ދެން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރަންވީ ކަމަކީ އެސަރުކާރަށް އެހީތެރިވުން" ރައީސް ވަހީދު ވިދާޅުވި އެވެ.
ގައުމީ އިއްތިހާދު ޕާޓީ އުވާލުމަށް އެޕާޓީގެ ކައުންސިލުން ނިންމުމަށްފަހު ޑރ. ވަހީދާ އެކު ގައުމީ އިއްތިހާދު ޕާޓީގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.
ކުރިއަށް އޮތްތާގައި ޕީޕީއެމްގެ ކައުންސިލް ފަދަ މަގާމަކުން ފެނިވަޑައިގަންނަވާނެތޯ ސުވާލުކުރުމުން ވަހީދު ވިދާޅުވީ އެއީ "ޕޮސިބިލިޓީއެއް" ނުވަތަ ވެދާނެ ކަމެއް ކަމަށެވެ.