ބުރުޒުމަގު މއ. އައިޝާގޭ ކުރިމަތީގައި ރޭ ތޫނުއެއްޗަކުން ހަމަލާދީ އެގޭ ހުސައިން ވަހީދު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ޕޮލިސް މީޑިއާ މެދުވެރިކޮށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސީރިއަސް އެންޑް އޯގަނައިޒު ކްރައިމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އަޒީމް ވަހީދު ވިދާޅުވީ އުމުރުން 22 އަހަރުގެ ހުސައިން ވަހީދު މަރާލި މައްސަލައާ ގުޅޭ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް މައުލޫމާތު ހިއްސާކުރާ ފާރާތްތައް ސިއްރު ކުރެވޭނެ ކަމަށާއި އަދި އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ވެސް ދޭނެކަމަށެވެ. އެހެންކަމުން މިމައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ބޭފުޅަކުނަމަ ހިލޭ ގުޅޭ ނަމްބަރު 119 ނޫންނަމަ 3322111 ނުވަތަ 9911099 އަށް ގުޅުއްވައި އެމައުލޫމާތު ހިއްސާ ކުރެއްވުމަށް އަޒީމް ވަނީ އެދިވަޑައިގެންފަ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މިފަދަ މައްސަލަތަކުގައި ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި އަޒީމް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ މީހަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސައިން ވަހީދާއި މއ. ރާޅުއަރިގޭ ޝާޒު ޝަރީފް،18، އަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ ރޭ 10:45 އެހައިކަންހާއިރެވެ. ހުސައިން ވަހީދު މަރުވެފައި ވަނީ އެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ހުސައިން ވަހީދުގެ މެޔަށް ވަރަށް ފުންކޮށް ވަނީ ވަޅި ހަރާފަ އެވެ. ނަމަވެސް ޝާޒު ޝަރީފްއަށް އެހާ ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.