25 Dec 2013, 18:30
ބަނގުރަލާއި އޫރުމަސް ގެންގުޅުމުގެ ގަވާއިދާ ހިލާފުވެގެން، ހުޅުމާލެ ފަޅުތެރޭގައި އޮތް ދެ ސަފާރީއަކަށް ފުލުހުން އަރައި ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅުތަކެއް އަތުލައިފި އެވެ.
ރޭ އިރާކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅި އާއި ދަޅުތަކެއް އަތުލައިގަތީ ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް "ހަނދު" ނަމަކަށްކިޔާ ސަފާރީއަކާއި "ހަނދުފަޅި" ނަމަކަށްކިޔާ ސަފާރީއަކުންނެވެ. ފުލުހުން ބުނީ އެ ދެ ސަފާރީއަށް ފުލުހުން އެރީ ސަފާރީތަކުން ޤަވާއިދާއި ޚިލާފަށް ބަނގުރާ ހުޅުމާލެއަށް އަރުވައި އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކަމަށެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އެ ދެ ސަފާރީން ބަނގުރަލުގެ 106 ފުޅިއާއި 784 ދަޅު ފެނިފައިވާ ކަމަށެވެ. އެތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.