25 Dec 2013, 17:03
ޗައިނާގެ އަންހެނަކު އުމުރުން 60 އަހަރުގައި ޓުވިންސެއް ވިހައި އެ ގައުމުގެ އެންމެ ދުވަސްވީ މަންމަގެ މަގާމު ހޯދައިފި އެވެ.
ޝެންގް ހެއިލިން އޭނާގެ އުމުރުން އެހާ ދުވަސްވީ ފަހުން ވެސް ކުއްޖަކު ހޯދަން ނިންމީ އޭނާގެ 29 އަހަރުވީ އަންހެން ދަރިފުޅު ކާރބަން މޮނޮކްސައިޑް ޕޮއިޒަނިން ޖެހި 2009 ވަނަ އަހަރު މަރުވުމުންނެވެ.
ޗައިނާ ގެ ގަވާއިދުގައި އޮންނަ ގޮތުން ކޮންމެ ދެމަފިރިއަކަށް ވެސް ހޯދޭނީ އެންމެ ކުއްޖެއް ކަމުން، ޝެންގް އާއި އޭނާގެ ފިރިމީހާ ވަނީ މިހާ ތަނަށް ވެސް މިކަންތައް ސިއްރުކޮށްފަ އެވެ. އަދި މިދެމަފިރިންނަށް އިތުރު ކުއްޖަކު ހޯދަން ޗައިނާގައި ފަރުވާތައް ހޯދަން އުނދަގޫވީ ނަމަވެސް، ހެއިފީ ގެ މިލިޓަރީ ހޮސްޕިޓަލަކުން ވަނީ މި ދެމަފިރިންނަށް އައިވީއެފް (އިން ވިޓްރޯ ފަރޓިލައިޒޭޝަން) ޓްރީޓްމަންޓް ދީފައެވެ.
މިހާރު ތިން އަހަރު ވެފައިވާ ޒިޒި އާއި ހުއިހުއި އަކީ ޝެންގް 2010 ވަނަ އަހަރު ވިހޭ ދެކުދިންނެވެ.
މި ދެމަފިރިން ވެސް ބުނާ ގޮތުގައި އެމީހުން އެދެކުދިން ބޭނުންވީ އެކަނިވެރިކަމުން ސަލާމަތް ވުމަށެވެ.
ނަމަވެސް، އެއުމުރުގައި ދަރިމައިވުމުން ޝެންގަށް ވަނީ ރިޓަޔަރ ނުކޮށް ބުރަކޮށް މަސައްކަތް ކުރަން ޖެހިފައެވެ. ހެލްތް ލެކްޗަރާ އެއްގެ ގޮތުގައި މަސައްކަތް ކުރާ ޝެންގް ބުނީ އެއްދުވަހުގެ ލެކްޗަރެއް ދޭން ވެސް ތިނެއް ނުވަތަ ހަތަރު ދުވަސް އާއިލާ އާއި ދުރުގައި ހޭދަ ކުރަން ޖެހޭ ކަމަށެވެ. އަދި އާއިލާ ކައިރީ ދަރިންނާ އެކު ހޭދަ ކުރެވެނީ މަހަކު ހަތަރެއް ނުވަތަ ފަސް ދުވަސް ކަމަށެވެ. މިހާރު 64 އަހަރު ވެފައިވާ ޝެންގް ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ވެސް މިހާރު މުސްކުޅިވެއްޖެ އެވެ.
"އަހަރެންގެ އަންހެން ދެކުދިންނަށް ޓަކައި އަހަރެންގެ ހުރިހާ އެއްޗެއް ގުރުބާން ކޮށްފިން" ޗައިނާ ޑެއިލީ އަށް ޝެންގް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.
މި އަހަރުގެ ނޮވެމްބަރުގައި ޗައިނާގެ ސަރުކާރުން އާއްމު ކުރި ގަވާއިދުގައި ބުނާގޮތުން ދެމަފިރިއަކަށް އިތުރު ކުއްޖަކު ހޯދޭނީ އެ ދެމަފިރިން ތެރެއިން އެކަކީ އެމީހެއްގެ އާއިލާގައި ހުރި ހަމައެކަނި މީހާ ކަމަށް ވާ ނަމަ އެވެ.
1970 ވަނަ އަހަރު ޗައިނާގައި ނެރުނު "ވަން ޗައިލްޑް ޕޮލިސީ" ގައި ކޮންމެ ދެމެފިރިޔަކަށް އެންމެ ދަރިޔަކު ހޯދޭ ގޮތަށް ގަވާއިދު އޮތުމުގެ ސަބަބުން އެތައް މިލިޔަން މީހުން ވަނީ އެގައުމުގައި މުސްކުޅިވި ދުވަހު އެކަނިވެރިވެފަ އެވެ. ދަރިފުޅު ނުވަތަ ފިރިމީހާ މަރުވުމުން ދެން އަނބިމީހާ ބިކަވީ އެވެ. އާއިލާތައް ކުޑަވުމުން އިތުރަށް އަޅާލައި ބަލާނެ މީހަކު ނުހުރެއެވެ.